އުމުރުން 33 އަހަރުގެ އަބްދުލަކް އެލް އަމްރާނީ ގޭގައި ހުއްޓާ ފައިދަށުން ބިންގަނޑު ދަމައިގަންނަ ފަދަ އިހުސާސެއް ވިއެވެ. އެއާއެކު ގޭތެރޭގައި ހަރުކޮށްފައި ހުރި ތަކެއްޗާއި އިމާރާތްވެސް ތެޅެން ފެށިއެވެ.

ބޭރަށް ނިކުމެ ބަލާލި އިރު މީހުންގަނޑު މަގުތަކަށް ޖަމާވަމުން ދަނީއެވެ. ކުޑަކުދިން ރޮމުން ދާއިރު އުނުގައި އޮތް އަންނައުނާއެކު އެއްބަޔަކު ދުވަމުން ދުވަމުން މަގުތަކަށް ނިކުންނަމުން ދެއެވެ. އަނެއް ބަޔަކު ގައިގައި ރަޖާގަނޑެއް ފަދަ ފޮތިގަނޑެއް އޮޅާލައިގެންވެސް ނިކުމެ ތިއްބެއެވެ.

އޭރު ބައެއް އިމާރާތްތައް ވެއްޓި ބިމާ ހަމަވެފައި ވާ އިރު އެހެން ބައެއް އިމާރާތްތައް ލޮޅުމުގައި ތެޅެމުން ވެއްޓެމުން ދެއެވެ.

ބިންހެލުން އައި މޮރޮކޯގެ މައްރަކޭޝްގެ 3 އިމާރާތެއްގެ ވެރިޔާ، ފްރާންސަށް ނިސްބަތް ވާ މައިކަލް ބިޒޭ ބުނީ، އޭނާއަށް ހޭލެވުނީ އޮށޯވެ އޮތް އެނދު ތެޅިގަން ވަގުތު ކަމަށާއި ހީވީ އެނދު އުދުހިގަންހެންނެވެ.

"ހުރި ގޮތަށް ބޭރަށް ނިކުތީ، އުނުގައި އޮތީ ބޮކްސާ އެކަނީ"

އެހެން މީހަކު ބުނީ، އޭނާ އަށް ހޭލެވުނީ މީހުންގެ ހަޅޭކުގެ އަޑަށް ކަމަށާއި އޭރު އޭނާގެ އަންހެނުން ހުރެ ބާރަށް ރޮމުން ދިޔަ ކަމަށެވެ.

"ހުރިހާ އެއްޗެއް ތެޅެމުން ދިޔަ، އެނދުވެސް، ތަޅުންގަނޑުވެސް އަދިފާރުތައް ވެސް"

ރިކްޓާ މިންގަނޑުން 6.8 ގެ ބާރު މިނުގައި އައި ބިންހެލުމުގެ އަސަރު މޮރޮކޯގެ ހުރިހާ ޓައުނަކަށް ކުރިއެވެ. އެންމެ ބޮޑަށް އަސަރު ކުރި ސަރަހައްދުތަކުން މަރުވި މީހުންގެ އަދަދު މިހާރު 632 އަށް އަރާފައި ވާ އިރު އެކިއެކި އަނިޔާތައް ލިބި ޒަހަމްވެފައި ވާ މީހުންގެ އަދަދު ވަނީ 329 އަށް އަރާފައެވެ.

މޮރޮކޯގެ ފަރުބަދަމަތީ ޓައުނެއްގައި ދިރިއުޅޭ މޮންޓަސިރް އިތްރީ ބުނީ، އޭނާއަށް ބޭރަށް ނިކުމެވުނު އިރު ގެތައް ހުރީ ބިމާ ހަމަވެފައި ކަމަށާއި މީހުންތައް ވީ ވަޅުލެވިފައި ކަމަށެވެ.

ގިނަ ބަޔަކަށް ސަލާމަތް ވެވުނު ނަމަވެސް ނަސީބުގައި އެކަން ނެތް ކޮންމެ މީހަކު ވީ އެ އިމާރާތްތަކުގެ ދަށުވެފައެވެ.

ބިންހެލުން އައި ވަގުތު މަގުމަތިން ހިނގާފައި ދިޔަ ހޫދާ އޫޓާސަފް ބުނީ، ކުއްލިއަކަށް ހުއްޓުމެއް އެރި ކަމަށާއި ދެން ފެށީ ފައިދަށުގައި އޮތް ބިންގަނޑު ތެޅެން ކަމަށެވެ.

"އަހަރެންގެ އާއިލާގެ 10 މެންބަރަކު މަރުވެއްޖެ، ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އެމީހުންނާ ދުރަށް ދިޔަތާ މިވީ 2 ދުވަސް"

މޮރޮކޯގެ މައްރާކޭޝް އަކީ އަހަރަކު އެތައް ބަޔަކު ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރޭގައި މަގުބޫލު ތާރީހީއ ަދި ގަދީމީ އާސާރުތައް ހުންނަ ސިޓީއެކެވެ. އެތާނގައި ހުންނަ ގިނަ އިމާރާތްތަކަކީ ތާރީހީ ބިނާތަކެއް ކަމުން، އެއީ މިޒަމާނުގެ ފެންވަރަށް ކޮންކްރީޓުން ހަދާފައި ހުންނަ ތަންތަނެއް ނޫނެވެ.

މިހަދިސާގައި އެހާ ބޮޑު ގެއްލުމެއް ލިބެން މެދުވެރިވި އެއް ސަބަބަކީ އެއީ ކަމަށް ގިނަ ބަޔަކު ސިފަ ކުރާ އިރު، އެތައް ހާސް ބަޔަކު މިހާރު ތިބީ ހިޔާވަހިކަމެއް ނެތި މަގުމަތިވެފައެވެ.

މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރާ ފަރާތްތަކުން ކެނޑި ނޭޅި މަސައްކަތް ކުރަމުން ދާއިރު، އަދިވެސް ގިނަ ބަޔަކު ގާކުނޑިތަކުގެ ދަށުގައި ތާށިވެފައި ތިބެދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.