މޮރޯކޯގެ ޓޫރިސްޓު ސަރަހައްދެއް ކަމަށްވާ މަރާކެޝް އަށް އައި ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނާއި އެ މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް، އުރީދޫން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާ ގުޅިގެން އެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމް-ފައިސާ ގެ ހިދުމަތް މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ނަންބަރު ޖަހައިގެން ނުވަތަ ކިއުއާރު ކޯޑު ސްކޭންކޮށްލައިގެން "މައި އުރީދޫ" އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް އުރީދޫން ވަނީ ހަމަޖައްސައިފައެވެ.

ރެކްޓާ މިންގަޑުން 6.8 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން، މަރާކެޝްގެ ހުރިހާ އިމާރާތެއް ވަނީ ފުނޑުފުނޑުވެ ބިމާ ހަމަވެފައެވެ. އެ ބިންހެލުމުގެ ސަބަބުން ދެ ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 1،400 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކާ ހަވާލާދީ މޮރޯކޯގެ ދާހިލީ ވުޒާރާ އިން ބުނެފައިވެއެވެ

މަރާކޭޝް އަކީ އެ ތަނުގައި ހުންނަ ގަދީމީ އިމާރާތްތަކާއި އާސާރީ ބިނާތަކުގެ ސަބަބުން ޔުނެސްކޯ އިން ހިމާޔަތް ކޮށްފައިވާ ސަރަހައްދެއް ނަމަވެސް، އެ ހުރިހާ އިމާރާތެއް ވަނީ ފުނޑުފުނޑުވެފައެވެ. އިހުގެ ދިރިއުޅުން ރަމްޒުކޮށްދޭ އެ ސަރަހައްދުގައި ގިނަ ގެތައް އިމާރާތްކޮޮށްފައި ހުންނަނީ ޗަކަ އާއި ހިލަ އާއި ލަކުޑިންނެވެ.

ހާލުގައި ޖެހުނު މީހުން ހާމަ ތަންތާނގައި ބަނޑަހަ ޖަހައިގެން ތިބި އިރު ކާބޯތަކެއްޗަށާއި ބޯފެނަށް ވަނީ ޖެހިފައެވެ. އަދި ވެއްޓިފައިވާ ގެތަކުގެ ގާކުނޑިތަކުން މަގުތައް ފުރި ބަންދުވެފައި ވުމާއެކު، ފަރުބަދަމަތީގެ ސަރަހައްދުތަކަށް ދިޔުމުގައި ވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ

އެ ސަރަހައްދުގައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.