ސެޕްޓެމްބަރު 8، 2023 ވަނަ ދުވަހުގެ މޮރޮކޯއަށް އައި ބިންހެލުމުގައި 3000 މީހުން މަރުވެފައި ވާ އިރު އޭގެ ތެރޭގައި ސްކޫލެއްގެ އެއް ކުލާހުގެ 32 ދަރިވަރުން މަރުވެފައި ވާކަން ހާމަވެއްޖެއެވެ.
މިހާތަނަށް މޮރޮކޯއަށް އައި އެންމެ ބާރުގަދަ ބިންހެލުމުގައި ބިންގަނޑު ހަލުވާލި ވަގުތަކީ، މަރާކެޝް ގެ އަދާސީލްގައި ދިރިއުޅޭ ދަރިވަރުން ފަހު ނޭވާ ދޫކޮށްލި ވަގުތެވެ. އަދާސީލްގައި ހުންނަ ސްކޫލުގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން އެއް ކްލާހެއްގެ 32 ދަރިވަރުން މަރުވެފައި ވާކަން އެނގުނީ ބިންހެލުމުގެ ލޮޅުމާއެކު، އެ ކުދިންގެ ޓީޗަރު ކުދިން ހޯދަން ކުރި މަސައްކަތުންނެވެ.
ބިންހެލުން އައި ވަގުތު ޓީޗަރު ހުރީ ސްކޫލަކު ނޫނެވެ. އޭނާއަށް ލޮޅުމުގެ އަސަރު ކުރުމާއެކު އަވަސް އަވަހަށް އަދާސީލްއަށް ދިޔައެވެ.
ދިމާވާ އެކިއެކި މީހުން ކުރެން، އެކުއްޖާ ކޮބާތޯ، މި ކުއްޖާ ކޮބާތޯ އަހަމުން ގެންދިޔައެވެ. އޭރު އޭނާގެ އަތުގައި އެކުދިންގެ ހާޒިރީވެސް އޮތެވެ. 32 ކުދިންގެ ނަން ބުނެ އެކުދިން ކޮބާތޯ ވަކިވަކިން އޭނާ އަހަމުން ގެންދިޔައެވެ.
ގާދިއިރުތަކެއްގެ ފަހުން ސާފުވީ 32 ކުދިންވެސް މަރުވެފައި ވާ ކަމަށެވެ. އުމުރުން 6 އަހަރާއި 12 އަހަރާ ދެމެދުގެ އެ ހުރިހާ ކުދިން މަރުވި އިރު އަދާސީލް ވަނީ ބިމާ ހަމަވެފައެވެ. ކޮޅަށް ހުރިނަމަ ހުރި އިމާރާތެއް ވަނީ ވެއްޓި ފުނޑުފުނޑުވެފައެވެ. ގާކުނޑިން އެ ވިލެޖް އެއްކޮށް ފުރިފައިވާ އިރު، ވަށައިގެން ފެންނަމުން އިވެމުން ދިޔައީ މީހުންގެ ރުއިމާއި ގިސްލުމުގެ އަޑުތައް ކަމަށް ޓީޗަރު ބުނެފައި ވެއެވެ.
އެ ބިންހެލުން އައި މަރާކެޝް އަކީ ފަރުބަދަމަތީގެ ސިޓީއެއް ކަމުން، ބިންގަނޑު ހެލިގަންވަގުތު ވަށައިގެން އޮތް ގިނަ ވިލެޖްތަކެއް ވަނީ ފުނޑުފުނޑު ވެފައެވެ.
އަރަބި އަދި ފްރެންޗް ކިޔަވައިދޭ އެލްފާދިލް ބުނީ، އޭނާގެ ދަރިވަރުންނަކީ "އޭންޖަލް" ތަކެއް ކަމަށާއި ފަގީރު ކަމާއި އިގުތިސޯދީ ތަދުމަޑުކަމުގެ ތެރޭގައި ވެސް ކިޔެވުމަށް ޝައުގު ހުންނަ އަދި މަސައްކަތް ކުރި ދަރިވަރުންތަކެއް ކަމަށެވެ. ހަމަ އެހެންމެ އެ ކުދިންގެ މައިންބަފައިންނަކީ ވެސް ނަމޫނާ ބައެއް ކަމަށާއި، ދަރިވަރުންނަށް ތައުލީމު ދިނުމަކީ އެ ބެލެނިވެރިން އެންމެ އިސް ވާޒިޖު ކަމުގައި ދެކޭ ކަމަށެވެ.
މި ހާދިސާ އާ ގުޅިގެން އެލްފާދިލް ހުރި ޝޮކެއްގައެވެ. އޭނާ ބުނީ، ނުނިދޭ ކަމަށާއި އޭނާގެ ނަސީބު ރަނގަޅު ކަމަށް މީހުން ބުނި ނަމަވެސް ދިރިއުޅޭނެ ގޮތެއް ނޭނގޭ ކަމަށެވެ.
މެރާކެޝް އައި ބިންހެލުމުގައި ބިމާ ހަމަވި އިމާރާތްތަކުގެ ތެރޭގައި ތައުލީމު އުގަންނައިދޭ 530 މަކުތަބެއް ނުވަތަ މަދަރުސާއެއް ހިމެނެއެވެ.