ހަމަނުޖެހުމަކާ ގުޅިގެން ވޯޓުލުން މެދުކަނޑާލި އއ. ރަސްދޫގައި ވޯޓުލުން އަލުން ފަށައިފިއެވެ.

އެކަން "ދަ ޕްރެސް" އަށް އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ނާޝިދު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނާޝިދު ވިދާޅުވިގޮތުގައި ވޯޓުލާން އަލުން ފަށާފައިވަނީ ދާދި ދެންމެއެވެ.

ނާޝިދު ވިދާޅުވީ ވޯޓުލުން ހުއްޓިފައިވަނީ ޕީޕީއެމް/ ޕީއެންސީގެ ކެމްޕެއިން ހަރަކާތް ތަކުގައި ދެ އޮފިޝަލަކު ބައިވެރިވި މައްސަލައެއް ކޮމްޕްލެއިން ބިއުރޯއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ވޯޓުލުން އަލުން ފަށާފައިވަނީ މެދުކެނޑުނުތާ ގާތަގަނޑަކަށް އެއް ގަޑިއިރެއްހާ ފަހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓުލުން މެދުކެނޑިފައި ވަނީ ވޯޓު ފޮށިތަކުގެ ވެރިން ކުއްލި ގޮތަކަށް ބަދަލު ކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އިޤްރާރާ ހިލާފުވުމުގެ ސަބަބުން ރަސްދޫގައި ވޯޓު ފޮއްޓާ ހަވާލުވެ ހުރި ފަރާތް މަގާމުން ދުރުކޮށް، އަދި އެ މަގާމަށް އެހެން މީހަކު އައްޔަނު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ނާޝިދު ވިދާޅުވި ގޮތުގައި އެރަށު ވޯޓު ފޮއްޓަށް 670 މީހުން ވޯޓުލުމަށް ހަމަޖެހިފައި ވާއިރު މިހާތަނަށް ވޯޓުލާފައި ވަނީ 65 މީހުން ކަމަށެވެ.