ހަމަނުޖެހުމަކާ ގުޅިގެން އއ. ރަސްދޫގައި ވޯޓުލުން ހުއްޓިފައިވާ ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ނާޝިދު ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނާޝިދު ވިދާޅުވީ ވޯޓުލުން ހުއްޓިފައިވަނީ ޕީޕީއެމް/ ޕީއެންސީގެ ކެމްޕެއިން ހަރަކާތްތަކުގައި ދެ އޮފިޝަލަކު ބައިވެރިވި މައްސަލައެއް ކޮމްޕްލެއިން ބިއުރޯއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މިގޮތުން ވޯޓުލުން ހުއްޓިފައިވާތާ މިހާރު ގާތްގަނޑަކަށް 30 މިނެޓު ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓުލުން މެދުކެނޑިފައި ވަނީ ވޯޓު ފޮށިތަކުގެ ވެރިން ކުއްލި ގޮތަކަށް ބަދަލު ކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.

ނާޝިދު ވިދާޅުވި ގޮތުގައި އެރަށު ވޯޓު ފޮއްޓަށް 670 މީހުން ވޯޓުލުމަށް ހަމަޖެހިފައި ވާއިރު މިހާތަނަށް ވޯޓުލާފައި ވަނީ 65 މީހުން ކަމަށެވެ.

މިހާރު 573 ވޯޓު ފޮއްޓެއްގައި ވޯޓުލުން ކުރިއަށް ދާއިރު ޖުމްލަ 574 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައި ވެއެވެ.

އީސީން ހާމަކުރި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް ޖުމްލަ 36،163 މީހުން ވަނީ ވޯޓު ލާފައެވެ. އޭގެތެރޭގައި ހިމެނެނީ 13،760 އަންހެނުންނާއި 22،403 ފިރިހެނުންނެވެ. މިހާތަނަށް ވޯޓު ނުލާ މީހުންގެ އަދަދަކީ 246،232 އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖެހި އިރު ފަށާފައި ވާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައި ވެއެވެ. އޭގެ ތެރޭ 138،196 އަންހެނުންނާއި 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ.