ރިކްޓާ މިންގަނޑުން 6.8 ގެ ބާރުމިނުގެ ބިންހެލުމެއްގައި މޮރޮކޭގެ އެތެރެ ގުޑައިގެން ދިޔަ އިރު މަރުވި މީހުންގެ އަދަދު 296 އަށް އަރައިފިއެވެ.

ފަރުބަދަމަތީ ހިސާބެއް ކަމަށް ވާ މައްރާކޭޝް އަށް އަމާޒުވި ބިންހެލުން އައިސްފައިވަނީ ބިމު އަޑިން 18 ކިލޯމީޓަރަށް ކަމަށް އެމެރިކާގެ ޖިއޮލިޖިކަލް ސާވޭއިން ބުނެއެވެ.

ބިންހެލުމާއެކި 19 ވަރަކަށް މިނެޓް ފަހުން 4.9ގެ ބާރުމިނުގައި އިތުރު ލޮޅުންތައް އައިސްފައި ވާ އިރު އިމާރާތްތައް ވެއްޓި ބޮދެތި ގެއްލުންތައް ވަނީ ލިބިފައެވެ.

މަރުވި ގިނަ މީހުންނަކީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި މެއްރާކޭޝް އާއި، އަލް ހައުޒޫމް، އައުޒަޒާޓޭ، އަޒިލާލް، ޗިޗައުއާ އާއި ޓަރައުޑަންޓުންނެވެ.

ބިންހެލުމުގައި އިމާރާތެއް ވެއްޓި ވެހިކަލެއް ހަލާކުވެފައި

މަރުވި މީހުންގެ އިތުރުން 153 މީހަކު ޒަހަމްވެ ހޮސްޕިތަލްތަކުގައި ފަރުވާ ދެމުން ދާ ކަމަށް މޮރޮކޯގެ ދާހިލީ ވުޒާރާއިން ބުނެއެވެ.

އާންމު ވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އިމާރާތްތައް ވެއްޓި ފުނޑުފުނޑުވެ މަގުތައް ވަނީ ހިރަފުހާއި ގާކުޑިން ފުރިފައެވެ. ބައެއް މީހުން ސަލާމާތް ވުމަށް ކޮޅުކޮޅަށް ދުވާ މަންޒަރު ފެންނަ އިރު ބޯ ހިރަފުހުގެ ތެރެއިން ނުކުމެގެން ދާ މީހުންވެސް ފެނެއެވެ.

މިހާދިސާގައި ސަލާމަތްވި އާންމުން މިހާރު ތިބީ އާންމު ޕާކުތަކާއި މަގުތަކުގައެވެ.