ހުރިހާ ރައްޔިތުން ވެސް ވޯޓުލައި ގާނޫނީ ވާޖިބު އަދާކުރުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ ވޯޓުލެއްވުމަށް ފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ވެސް ގާނޫނީ ވާޖިބު އަދާ ކުރަން ޖެހޭ ކަމަށާއި މިއަދަކީ ކޮންމެ ރައްޔިތަކު ވެސް ގާނޫނީ ވާޖިބު އަދާކުރުމަށް ލިބިފައިވާ ފުރުސަތު ކަމަށެވެ.
ވޯޓު ފޮށި ބަންދު ކުރާ ގަޑިއަށް މަޑުނުކޮށް ވީހާވެސް އަވަހަކަށް ވޯޓުލާ މަރުކަޒުތަކަށް ގޮސް އެ ފަރާތަކުން އިހްތިޔާރު ކުރާ ކެންޑިޑޭޓަކަށް ވޯޓުލުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. މުއިއްޒު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ލީޑަރުންގެ އިލްތިމާސް އަކީ ވެސް އެއީ ކަމުގައެވެ.
މުއިއްޒު ވޯޓު ލައްވާފައި ވަނީ ތާޖުއްދީން ސްކޫލު ހޯލުގައި ބަހައްޓާފައިވާ މާފަންދު ދެކުނު ދާއިރާގެ 1 ނަންބަރު ވޯޓު ފޮއްޓަށެވެ.
މުއިއްޒުގެ އިތުރުން ޖޭޕީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވެސް މިހާރު ވަނީ ވޯޓު ލައްވާފައެވެ. ޑިމޮކްރެޓްގެ ކެންޑިޑޭޓު އިލްޔާސް ލަބީބް އަދި އެމްއެޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވޯޓު ލެއްވުމަށް ހަމަޖެހިފައި ވަނީ 10 ޖަހާއިރުއެވެ. އަދި މި އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވަން ވަޑައިގަންނަވަނީ މިއަދު 10:00-10:30 ދޭތެރޭގައެވެ.