ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ދޭ ވޯޓަކީ އޭގެ ފޮނި މީރުކަން ރައްޔިތުންނަށް އިންސާފުވެރި ކަމާއެކު ލިބޭނެ ވޯޓަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މާދަމާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވާއިރު އިންތިހާބުގެ ކުރިން ފަހު ބަހެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ، އޭނާއަށް ދޭ ވޯޓަކީ އޭގެ ފޮނި މީރުކަން ދިވެހި ކޮންމެ ލޮބުވެތޮ ރައްޔިތަކަށް އިންސާފުވެރި ކަމާއެކު ލިބޭނެ ވޯޓަކަށް ވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުންގެ އަޑުއައްސަވައި ރައްޔިތުންނާ ގާތުން، ރައްޔިތުންނަށްޓަކައި ނަތީޖާ ނެރެދޭ ސަރުކާރެއް ފެނިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމް ވެގެން ދާނެ ކަމަށާއި މިނިވަންކަން ޔަގީން ކުރެވި ދިވެހި ގައުމިއްޔަތު ހިމާޔަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ، ޒުވާނުންނާއި ކަނބަލުން ފުދުންތެރި ބަޔަކަށް ހައްދަވާނެ ކަމަށާއި އިގްތިސާދު ކޮޅަށް ޖަހައިދީ، ދިވެހިންގެ ރާއްޖެ ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށެވެ.

މުއިއްޒު ވަނީ އޭނާ ހޮވުމަށް ކެންޑިޑޭޓު ނަންބަރު 4 އަށް ވޯޓު ދިނުމަށް އެދިފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު އީސީ އިން ބުނީ މި އަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ. މި އަހަރު ބާއްވާ އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި މާލޭ ސަރަހައްދުގައި 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުގެ 7 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވާއިރު 60 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައި ވަނީ މާދަމާއެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 30 ގައެވެ.