މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުކުރުވުމަށާއި މިނިވަން ކުރުމަށް ބަޖެޓުން ފައިސާ ދިނުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ، ބަޖެޓުން ވަކި ޕަސެންޓެއް ކަނޑައަޅައި މީޑިއާތަކަށް ދިނުމަކީ ރަނގަޅުގޮތެއް ކަމަށެވެ. މުއިއްޒު މިފަދައިން ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ ޕަސެންޓެއްގެ ފައިސާ އެލޮކޭޓްކުރާނެ ކަމަށް ކަނޑައަޅާފައި އޮތްކަން ފާހަގަކޮށް މުއިއްޒުގެ މެނިފެސްޓޯގައި އެފަދަ ކަމެއް ނެތުމުން 'ދަ ޕްރެސް' އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި މީޑިއާތަކަށް ބަޖެޓުން ވަކި ޕަސެންޓެއް ދޭން ކަނޑައަޅާފައިވީ ނަމަވެސް އެއަށްވުރެ މާ ރަނގަޅު ގޮތްތައް އެބަހުރި ކަމަށް ފެނިވަޑައިގަންނަވާ ކަމުގައި މުއިއްޒު ވިދާޅުވެފައެވެ. އެގޮތުން ބަޖެޓުން ވަކި ޕަސެންޓެއް ކަނޑައަޅައި ދިނުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށާއި އޭގެ ބަދަލުގައި ބޭންކަކުން ލޯނެއް ނުވަތަ އިންވެސްޓެމަންޓެއް ހަމަޖައްސައިދީގެން މީޑީއާތައް އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުކުރުމަށް އެހީތެރިވެވަަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މިހާރު މިއޮތް ގޮތަށް ބަލާއިރު ދައުލަތުގެ ކުންފުނިތަކުން މީޑިއާއަށް ފައިސާދޭ އުސޫލު ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި ބޭނުންވަނީ މީޑިއާތަށް މިނިވަންކޮށްދިނުމަށް ކަމަށާއި މީޑިއާތަށް މިނިވަންވުމަށް ފުރުސަތުތަށް ފަހިކޮށްދީ އެ ފުރުސަތުތަކުގެ ބޭނުން ހިފޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ނޫސްވެރިން އަދި އަލަށް ނޫސްވެރިކަމަށް ނުކުންނަން ބޭނުންވާ ފަރާތްތަކުން ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވަން ބޭނުންވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެ ދާއިރާއިން އިތުރަށް ކިޔެވުމަށާއި އަދި އެ ދާއިރާއިން ތައުލީމާއި ތަޖުރިބާތައް ހޯދުމަށް ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.