ރާއްޖޭގައި އިޖްތިމާއީ ގިނަ މައްސަލަތައް ނިކުންނަ ކަންކަމުގެ ތެރެއިން ޕޯނޮގްރަޕީގެ މައްސަލަ ހައްލު ކުރުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ކަމެއް ހިމަނާފައި ނުވި ނަމަވެސް އެ މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އިން ސުވާލު ކުރުމުން އެކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓެއްގެ މެނިފެސްޓޯގައި ނުވަތަ ކެންޑިޑޭޓުން ރަށްރަށުގައި ރައްޔިތުންނަށް ވެވަޑައިގެން ވައުދުތަކުގެ ތެރޭގައި ވެސް ބަރަހަނާ ސައިޓްތަކަށް ވަނުން ހުއްޓުވުމަށް ކުރާނެ ކަމެއް ހިމަނާފައެއް ނުވެއެވެ. މުއިއްޒުގެ މެނިފެސްޓޯގައި ވެސް މި ކަން ކުރުމަށް ހިމަނާފައި ނުވި ނަމަވެސް 'ދަ ޕްރެސް' އަށް މުއިއްޒު ދެއްވި ހާއްސަ އިންޓަވިއުގައި، މި މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރުމުން މުއިއްޒު ވަނީ ރާއްޖޭގައި މިފަދަ ކަންކަން ހުއްޓުވުމަށް ވެސް ސިޔާސަތެއް ގެންގުޅުއްވާނެކަން ހާމަ ކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ، އިންޓަނެޓުން ހުރިހާ ކަމެއް ވެސް ކުރަމުންދާ މި ދުނިޔޭގައި ހުންނަ އެފަދަ ނޭދެވޭ މަންޒަރުތައް ފެންނަ ސައިޓްތައް ބްލޮކް ކުރުމަކީ ފުދޭ ވަރަކަށް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އޭގެ އިތުރުން ވެސް ކުރަންޖެހޭ ވަރަށް މުހިއްމު ކަމެއް އެބަ އޮތް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
އެގޮތުން މި މުޖުތަމުގައި އުޅޭ މީހުންނަކީ އެފަދަ މަންޒަރުތަކާއި އަޑު ހުންނަ ސައިޓްތަކަށް ނޫނެކޭ ބުނާނެ ބަޔަކަށް ހެދުމަށް މަސައްކަތް ކުރެވިދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަން ކޮށްގެން މެނުވީ އަސްލު މައްސަލައަށް ހައްލު ނުގެނެވޭނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެގޮތުން އިންޓަނެޓުން ފެންނަ އެފަދަ ކަންކަން ބެލުމުގެ ޝައުގުވެރިކަން ނެތް މުޖުތަމައުއެއް ބިނާ ކުރުން އެއީ މުހިއްމު ކަމެއް ކަމަށާއި ކުޑަކުދިން ބޮޑެތިވެގެން އަންނަ އިރު އިންޓަނެޓް ބޭނުން ކުރާ އިރު، އެފަދަ ކަންކަމަށް ނޫނެކޭ ބުނެވޭ ވަރުގެ ބަޔަކަށް ހެދުމަށް އިސްކަމެއް ދެއްވާނަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް މުއިއްޒު އާންމު ކުރެއްވި މެނިފެސްޓޯގައި ސީދާ މި ކަމާ ގުޅޭ ވާހަކައެއް ނެތް ނަމަވެސް އެ ވިސްނުން ގެންގުޅުއްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ވިސްނުމުގައި މަސައްކަތް ކޮށް އިންޓަނެޓް ތެރެއިން، މުޅި އައިޓީ ނިޒާމްގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެކަން ހާސިލް ކުރާ މަސައްކަތްތަކުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
ރާއްޖޭގައި އިޖްތިމާއީ ގިނަ މައްސަލަތަކަށް ހައްލު ނުލިބި އޮތް ކަމަކީ ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަންކަމެވެ. އެގޮތުން ޕޯން ސައިޓްތައް ބޭނުން ކޮށްގެން ފާހިޝް ވިޑިއޯތައް ބަލާ މައްސަލައާ ގުޅިގެން ވެސް އެތައް އިޖްތިމާއީ ގިނަ މައްސަލަތަކެއް ފެންނަ ކަމާއި އެކަމަށް ހައްލެއް ނުލިބޭ ވާހަކައަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެވެ.
މިފަދަ ސައިޓްތަކުގެ ސަބަބުން ކުޑަކުދިން ގްރޫމްކޮށް ހައްލާލައި ޖިންސީ ކުށުގެ ތެރެއަށް ނެރޭ ތަން ފެނެއެވެ. އަދި ކުޑަކުދިންނަށް އެފަދަ ވީޑިއޯތައް ދައްކައިގެން ކުޑަކުދިންނާއެކު ޖިންސީ ކުށް ކުރާ މީހުންގެ މައްސަލަތައް ވެސް އަންނަނީ ފެންނަމުންނެވެ.