މި އަހަރުގެ ސެޕްޓެންބަރު މަހުގެ ފުރަތަމަ ހަފްތާ ވެގެން މި ދިޔައީ ދިވެހި ގައުމަށްޓަކާ އެތައް ގުރުބާންތަކެއް ވަމުން އަންނަ ދިވެހި ސިފައިންގެ އެތައް ބަޔަކަށް އުފާވެރިކަމާއި އުންމީދުތައް ގެނުވައިދިން ހަފްތާއަކަށެވެ. ސިފްކޯ ހިޔާ ފްލެޓްގެ ނަމުގައި ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށުނު ޕްރޮޖެކްޓުގެ 330 ފްލެޓް ނިމި ހައްގުވާ ފަރާތްތަކަށް ފްލެޓްތައް އެލޮކޭޓް ކުރެވުނީއެވެ. ހާލުގައި، އާއިލާތަކާއި ދުރުގައި މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ އެތައް ބަޔަކަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނީއެވެ.
2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފުރަތަމަ ހަފްތާގައި ބިންގާ އެޅިގެން ދިޔަ ސިފްކޯ ހިޔާ އަކީ ސިފައިންގެ އުންމީދުތަކާ ގުޅިފައިވާ ތަނަކަށް ވާއިރު އެ ދުވަހުގެ އުންމީދުތައް މިއަދު ލޯމަތިން ހަގީގަތުގައި ފެންނަން މިހުރީ އެވެ. އެތައް ގޮންޖެހުން ތަކެއް މިކަމުގައި ދިމާވި ނަމަވެސް އެހުރިހާ ކަމަކުން އަރައިގަތުމަށް ސިފައިންގެ ލީޑާޝިޕާއި ޑިފެންސް މިނިސްޓަރު އަދި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ސަމާލުކަމާއެކު މިއަދު މިވަނީ ސިފައިންގެ ހިތްތައް އުފަލުން ފޮޅިފައެވެ.
މަސައްކަތް ދިގުމުއްދަތަކަށް ހުއްޓިފައި ވަނިކޮށް ސިފައިންގެ ލީޑާޝިޕާއި ޑިފެންސް މިނިސްޓަރު ދެއްވި އަހައްމިއްޔަތު ކަމާއެކު ބާރު ސްޕީޑުގައި މަސައްކަތް ކުރެވި ސިފައިންނަށް އެ ފްލެޓްތަކަށް ވަދެެވޭވަރު ކޮށްފައި ވާއިރު އެމްއެންޑީއެފް އިން ހާމަކުރިގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ވަރަށް ގާތުން މަސައްކަތް ކުރިޔަށް ދާގޮތް ވަނީ ބައްލަވާފައެވެ. މިނިސްޓަރު މާރިޔާ ސިފްކޯހިޔާ ފުލެޓްގެ މަސައްކަތްތައް ކުރިއަށް ދާގޮތާ ބެހޭގޮތުން އެ މަޝްރޫއު ކުރިއަށް ގެންދާ ކޮންޓްރެކްޓަރު، ޗައިނާގެ "23rd Metallurgical Construction" އާއި އެޕްރޮޖެކްޓްގެ އިންޖިނިއަރުންގެ ފަރާތުން ވެސް ވަނީ މައުލޫމާތު އޮޅުންފިލުވާފައެވެ. މަސައްކަތް ކުރިޔަށް ދިޔައިރު ސައިޓަށް ވަޑައިގެން މަސައްކަތް ކުރިޔަށް ދާވަރު ވެސް ވަނީ ވަރަށް ގާތުން ބައްލަވާފައެވެ.
ސިފްކޯ ނިމިފައި ހުރީ ކިހާ ވަރަކަށް؟
މިހާރު ސިފްކޯ ހިޔާ ފްލެޓްގެ ތިން ޓަވަރުގައި މީހުން ދިރިއުޅެވޭ ވަރަށް އެތަނުގެ ރެސިޑެންޝަލް ހުރިހާ މަސައްކަތްތަކެއް ނިންމާފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެގޮތުން ފްލެޓުގެ ކޮޓަރިތަކާއި ބަދިގޭގެ ކަބަޑު ސެޓުތައް ވެސް ފުރިހަމަކޮށް ނިންމާފައި ވާއިރު، ބަދިގެ ކަބަޑު ސެޓުގައި އަވަނާއި މައިކްރޯ ވޭވާއި އުނދުނުގެ އިތުރުން ހުޑް ވެސް ވަނީ ހަރުކޮށް ނިންމާފައެވެ. އަދި ފްލެޓްގައި އޭސީއާއި ހީޓަރު ހަރުކޮށް، ތިން ޓަވަރުގެ ޕާމަނަންޓް ކަރަންޓާއި ފެނުގެ ހިދުމަތް ވެސް މިހާރު ލިބެން ހުރިއިރު، އެ ޓަވަރުތަކުގެ ނަރުދަމާގެ ހުރިހާ މަސައްކަތްތައް ވެސް ވަނީ އެއްކޮށް ނިންމާލާފައެވެ.
އޭގެ އިތުރުން ފުރިހަމައަށް ބޭނުން ކުރެވޭ ހާލަތަށް ފްލެޓުތަކުގެ ލިފްޓްތައް ސާވިސްއަށް ގެނެސްފައި ވާއިރު، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން އިންޓަނެޓާއި ޓީވީގެ ހިދުމަތް ދިނުމަށް ދިރާގާއި އުރީދޫއާއި އެސްއެސްނެޓްގެ އިތުރުން މީޑިއާނެޓުގެ ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ވެސް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި ފްލެޓްގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބެހެއްޓުމަށް ޓަކައި، ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިވުމުގެ ގޮތުން، ބޭނުންވާ ހުރިހާ ސަލާމަތީ ވަސީލަތްތައް ވެސް ހަރުކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.
މިއަދު ސިފައިންގެ އާއިލާތަކަށް ލިބިފައިވަނީ ޔަގީން ކަމެކެވެ. ކުރެވެންފެށީ އާ އުންމީދު ތަކެކެވެ. އާއިލާ އެކުގައި ދިރިއުޅެން ކުރި މަަސައްކަތުގައި އިތުރު ހިތްހަމަޖެހުމަކާ ހަމަޔަށް އާދެވުނީއެވެ. ސިފްކޯ ހިޔާ ފްލެޓް ލިބުނު ބައެއް މީހުންނާއި ބައްދަލުކޮށް ވާހަކަ ދައްކާލުމުން ހަގީގަތުގައި އެ އާއިލާތަކަށް ލިބިފައިވާ އުފާވެރިކަން އިހުސާސް ވެގެން ދިޔައެވެ.
ކޮންމެ މީހެއްގެ ކައިރިން އަހާލުމުން ވެސް މި ލިބުނީ ހަމަ އެއް ޖަވާބެކެވެ. އުފާވެރިކަމުގެ ވާހަކައެވެ. ހަމަޖެހިގެން ދިރިއުޅުން ބިނާކުރަން ލިބުނު ފުރުސަތުގެ ވާހަކައެވެ. ސިފައިންގެ ވެރިންނަށް ޝުކުރެވެ. ޑިފެންސް މިނިސްޓަރަށް އައްސެރިބަހާ ސާބަހެވެ. ކުދިންގެ މޫނުތަކަށް އުފާވެރިކަމާ ހިތްހަމަޖެހުމެވެ. ބާކީ ތިބި ސިފައިންނަށް އުންމީދާއި ޔަޤީންކަމެވެ.