ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑާ ކުރަން ބޭނުންފުޅުވެ ވަަޑައިގެންނެވި ނަމަ ރާއްޖޭގެ ބޭންކެއްގައި އޮތް އަމިއްލަ އެކައުންޓަކަށް އެ ފައިސާ ޖަމާ ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައިކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އާރަށް ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޔާމީން ވިދާޅުވީ، ރާއްޖޭގެ ބޭންކިން ނިޒާމު އޮތްގޮތުން ބޭންކް އެކައުންޓްތަކުގެ މައުލޫމާތަކީ ސިއްރު ކުރެވޭ ގޮތަށް އޮތް އެއްޗެއް ނޫން ކަމަށާއި ގިނަ އަދަދެއްގެ ފައިސާއެއް މީހެއްގެ އެކައުންޓަށް ޖަމާވެއްޖެނަމަ ކަމާބެހޭ އިދާރާތަކުން އެކަން ބަލާ ކަމަށެވެ. އެގޮތުން ފުލުހުން ތަހުގީގަކަށް އެފަދަ މައުލޫމާތެއް ބޭނުންވެގެން އެދިއްޖެ ނަމަ އެ މައުލޫމަތަކީ ބޭންކުން ހިއްސާ ކުރާ މައުލޫމާތު ކަމަށާއި އެގޮތަށް އެކަން އޮތް އިރު މަނީ ލޯންޑާ ކުރަން ރާއްޖޭގެ ބޭންކެއްގައި އޮތް އަމިއްލަ އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން އެކަން ނުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ މުއާމަލާތުގައި ލިބިވަޑައިގަތް ފައިސާ އާމެދު ކަން ކުރައްވި ގޮތް ހާމަ ކުރައްވަމުން ޔާމީން ވިދާޅުވީ، އެ ފައިސާ ހޮންކޮންގް އެންޑް ޝަންގްހާއީ ބޭންކް (އެޗްއެސްބީސީ) ގެ އެކައުންޓެއްގައި ބެހެއްޓެވި ކަމަށާއި އެ ބޭންކް ބަންދު ކުރަން ނިންމުމުން އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޖަމާ ކުރެއްވީ ކަމަށެވެ. އަދި އެ ގޮތަށް އެކަން ކުރުމަކީ މަނީ ލޯންޑާ ކުރުން ނޫން ކަމަށާއި މީހަކު އޭނާގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޖަމާ ކުރުމަކީ ފައިސާގެ އަސްލު އޮޅުވާލުން ނޫން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަދިވެސް ބޭންކުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

އެ މައްސަލާގައި ޔޫސުފް ނައީމް އަތުން ޑޮލަރު ބައްލަވައިގަތުމަށް ދިވެހި ރުފިޔާ ހޯއްދެވި ގޮތާ ބެހޭގޮތުން މިހާރު ދައުލަތުން ސުވާލު އުފެއްދިޔަސް، ތަހުގީގު މަރުހަލާ އާއި ދަށު ކޯޓުގައި އެ ސުވާލު އުފައްދާފައި ނުވާ ކަމަށް ޔާމީން ފާހަގަ ކުރެއްވިއެވެ. އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް އޮފީހުން ފޮނުވި ސިޓީގައި ވެސް ޔޫސުފް ނައީމްގެ ކުންފުންޏަށް ދޭން އަންގާފައި ނުވާނެ ކަމަށާއި އެރަށް ޔޫސުފް ނައީމަށް ލިބުމާއި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއާ ނުގުޅުވޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އަދި އެ މުއާމަލާތް ހިނގިއިރު ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށާއި އެހެންވެ، އެ ޕާޓީގެ ފައިސާއާ ގުޅޭ ކަންކަމުގައި އޭރު އެމަނިކުފާނުގެ ދައުރެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން އެ ފައިސާއަކީ ސިޔާސީ ކެމްޕެއިނަށް ހޯއްދެވި ފައިސާއެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމިން ގެ ވަކީލުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ޓޫރިޒަމްގެ ބޭނުމަށް ރަށް ދޫކުރުމަކީ އޭރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރަމުން ދިޔަ ކަމެއް ކަމަށާއި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އާރަށް ބަދަލުކުރަން ރައީސް އޮފީހުން އޭރު ނިންމުމުގައި ވެސް ވަކި ފަރާތަކަށް އެރަށް ދޫކުރަން އަންގާފައި ނެތް ކަމަށެވެ. އަދި އެ ކަމުގައި އޮތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބުނާ ބުނުން ކަމަށާއި އަދީބުގެ ބަސް ފިޔަވައި އިތުރު ހެއްކެއް އެކަމަށް ނެތް ކަމަށް ވަކީލުން ވިދާޅުވިއެވެ.

ޔާމީނަށް ލިބިވަޑައިގަތީ ޔާމީންގެ ސިޔާސީ ކެމްޕެއިނަށް ލިބިވަޑައިގަތް ފައިސާއެއް ކަމަށްވާތީ އެ ފައިސާ ޕާޓީގެ އެކައުންޓަށް ޖަމާކުރަން ޖެހިވަޑައިނުގަންނަވާ ކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ. އަދި އެ ފައިސާ ޔާމީންގެ އަމިއްލަފުޅު އެކައުންޓެއްގައި ބެހެއްޓުމަކީ ފައިސާގެ އަސްލު އޮޅުވާލުން ކަމަށް ނުބެލެވޭނެ ކަމަށް ވަކީލުން ވިދާޅުވިއެވެ. އެކަންކަން ފާހަގަކުރައްވައި، ޔާމީންގެ ވަކީލުން އެދިވަޑައިގަތީ ދަށު ކޯޓުގެ ހުކުމް ބާތިލް ކުރުމަށެވެ.

ހައިކޯޓުގައި ވާހަކަ ދައްކަަވަމުން ދައުލަތުގެ ވަކީލުން މިއަދު ވިދާޅުވީ، ޔާމީންގެ ބޭނުންކުރައްވާ އެކައުންޓްތައް ހުއްޓާ އެ ފައިސާ ޖަމާކުރީ ބޭނުން ނުކޮށް އޮތް އެކައުންޓެއް އެކްޓިވް ކުރުމަށްފަހު އެ އެކައުންޓަށް ކަމަށެވެ. ބޭނުން ނުކުރާ އެކައުންޓަކަށް ފައިސާ ޖަމާ ކުރުމާއި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމަކީ ވެސް އަސްލު އޮޅުވާލުން ކަމަށް ބެލެވޭނެ ކަމަށް ދައުލަތުން ބުނެއެވެ. އަދި އެ މައްސަލާގައި ޔާމީންގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން އިތުރު ފައިސާއާ އެކު އެހެން އެކައުންޓްތަކަށް ޖަމާކުރި ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން އެ ފައިސާއާ ބެހޭގޮތުން ޔޫސުފް ނައީމާއި ޔާމީންގެ ފަރާތްޕުޅުން ބޭންކަށް ދެއްވި މައުލޫމާތު ދިމާނުވާ ކަން ދައުލަތުން ފާހަގަކޮށް ބުނީ، ތަހުގީގު މަރުހަލާގައި ވެސް ދެ ބޭފުޅުން ހަނު ހުންނެވީ ކަމަށެވެ. ދެ ބޭފުޅުން ވެސް އެއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް ވިދާޅުވި ނަމަވެސް އޭގެ ބަދަލުގައި ދިވެހި ރުފިޔާ ދިން ގޮތެއް އެނގޭނެ ހެއްކެއް ނެތް ކަމަށް ދައުލަތުން ބުނެއެވެ، އަދި ތަހުގީގު މަރުހަލާގައި އެ ދިފާއު ނަގާފައި ނެތުމުން އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ކަށަވަރު ނުކުރެވޭ ކަމަށް ދައުލަތުން ބުނެއެވެ.