އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ސޯޝަލްމީޑިއާގެ ތެރެއިން އެކްސްގެ ޔޫޒާސްގެ ތާއީދު އޮތް މިންވަރެއް އަންދާޒާ ކޮށްލުމަށް "ދަ ޕްރެސް" އިން މި މަހު 3 ގައި ނެގި ޕޯލްއިން އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދަވައިފިއެވެ.

މިމަހު 3 ވަނަ ދުވަހު ޓްވިޓާގައި ފެށި މި ޕޯލްގައި ވަނީ އެންމެ ވާދަވެރި ދެ ކެންޑިޑޭޓް ކަމަށް ވާ ރައީސް ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ތެރެއިން ރާއްޖޭގެ ރައީސަކަށް ދެން ވާނީ ކޮން ބޭފުޅެއްތޯ އަހާފައެވެ. މިހާރު އެ ޕޯލް ބަންދުކޮށްފައި ވާއިރު، ޖުމްލަ 3117 މީހަކު ވަނީ ވޯޓު ދީފައެވެ.

މި ޕޯލްގެ ފައިނަލް ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހް ކުރި ހޯއްދަވާފައި ވަނީ އެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 55.7 ޕަސެންޓް ވޯޓާއެކުއެވެ. އަދި ޑރ. މުއިއްޒަށް ވަނީ މި ވޯޓުން 44.3 ޕަސެންޓް ލިބިވަޑައިގެންފައެވެ.

މީގެ ކުރިންވެސް "ދަޕްރެސް" އިން ވަނީ މިފަދަ ޕޯލެއް ފޭސްބްކްގައި ހުޅުވާލައި އާންމުންގެ ތާއީދު އޮތް ކެންޑިޑޭޓެއް ބަލާފައެވެ. އެ ގޮތުން އޮގަސްޓުމަހުގެ ތެރޭގައި ހުޅުވާލި އެ ޕޯޅްގައި މި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު ތާއީދެއް ހޯއްދަވާފައި ވަނީ ޑރ. މުއިއްޒެވެ. އެ ޕޯލްގެ ނަތީޖައިން މުއިއްޒުއަށް ވަނީ ޕޯލްގައި ބައިވެރިވި 3288 މީހުންގެ ތެރެއިން 51.2 ޕަސެންޓް ލިބިވަޑައިގެންފައެވެ. ރައީސް ސޯލިހަށް އެ ޕޯލުން ލިބިވަޑައިގަތީ 30.3 ޕަސެންޓެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު އީސީ އިން ބުނީ މި އަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ. މި އަހަރު ބާއްވާ އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި މާލޭ ސަރަހައްދުގައި 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުގެ 7 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވާއިރު 60 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައި ވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 30 ގައެވެ.