އުތުރުގެ ތިން އަތޮޅުގައި ހިމެނޭ 20 ރަށެއްގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރު އަޅަން އަޒްރޯވާ މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، 20 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމް ކުރުމަށް ހިންގާ މި މަޝްރޫއު ކުރިއަށް ދާނީ ތިން ޒޯނަކަށް ބަހާލައިގެން ކަމަށެވެ. މި މަޝްރޫއު ހިންގަން ހަމަޖެހިފައި ވަނީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ އަދި ދިވެހިސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކަމަށް ޕަލޭނިން މިނިސްޓްރީން ބުނެއެވެ.

އެގޮތުން ފުރަތަމަ ޒޯންގައި ހިމެނޭ ރަށްތަކަކީ ހއ. މާރަންދޫ، ހއ. އުލިގަމު، ހއ. މޮޅަދޫ، ހއ. ތަކަންދޫ ހއ. މުރައިދޫ އަދި ހއ. ދިއްދޫ އެވެ. ހއ. އަތޮޅުގެ ހަ ރަށުގައި 8 މަސް ދުވަހުގެ މުއްދަތުގައި ނިންމަން ހަވާލުކުރި މި މަޝްރޫއުގެ ޖުމްލަ އަގަކީ 30,868,210.65 ރުފިޔާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރާ ޒޯން ދޭއް ގައި ހިމެނޭ ރަށްރަށަކީ ހދ. ނޮޅިވަރަން، ހދ. ކުމުންދޫ. ހދ. ވައިކަރަދޫ. ހދ. މަކުނުދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ، ހދ. ކުރިނބީ އަދި ހދ. ނޭކުރެންދޫ އެވެ. މި އަށް ރަށުގައި ވެސް 8 މަސް ދުވަހުގެ މުއްދަތެއްގައި ނިންމަން ހަވާލު ކުރި މި މަޝްރޫއުގެ ޖުމްލަ އަގަކީ 47,432,604.66 ރުފިޔާއެވެ.

އަދި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރާ ޒޯން ތިނެއް ގައި ހިމެނޭ ރަށްރަށަކީ ށ. ބިލެއްފަހި، ށ. ފީވައް، ށ. ފޭދޫ، ށ. ކަނދިތީމު، ށ. ޅައިމަގު އަދި ށ. ނޫމަރާ އެވެ. މި ހަ ރަށުގައި ވެސް 8 މަސް ދުވަހުގެ މުއްދަތަށް ހިންގަން ހަވާލު ކުރި މި މަޝްރޫއުގެ ޖުމްލަ އަގަކީ 30,921,209.71 ރުފިޔާއެވެ.

20 ރަށުގައި ކުނި މެނޭޖްކުރާނެ މަރުކަޒު ގާއިމްކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި މިއަދު ސޮއި ކޮށްފައިވާ އިރު، ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރެވެ.