އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެސްއެމްއީ ހަބްގެ ދެވަނަ ފިޔަވަހި ރަސްމީކޮށް ހުޅުވައިފިއެވެ.

ދެވަނަ ފިޔަވަހީގައި އާޓްސް އެންޑް ކްރާފްޓްގެ އުފެއްދުން ވިއްކުމަށްޓަކައި 5 ސްޓޯލާއި ގާމަންޓް އުފެއްދުން ވިއްކުމަށްޓަކައި 4 ސްޓޯލާއި، ޑެއިލީ-ޔޫސް އަށް 1 ޕޮޕްއަޕް ސްޓޯލް ވަނީ ގާއިމުކޮށްފައެވެ. އަދި ދިވެހި ފަންނުވެރިންނާއި ކުރެހުންތެރިންނަށް ހާއްސަކޮށްގެން އާޓް ގެލަރީއެއް ވެސް ވަނީ ގާއިމްކޮށްފައެވެ.

މިނިސްޓްރީން ބުނީ، މި ހަބްގެ އަމާޒަކީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހެޔޮ އަގުގައި ވިޔަފާރީގެ ޖާގަ ހޯދައިދިނުމާއި ލޯކަލް އަދި ބައިނަލްއަގްވާމީ މާކެޓުތަކަށް ތައާރަފްކޮށް ވިޔަފާރި ކުރިއެރުވުމަށް މަގު ފަހިކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން، ޒުވާނުންނަށް ހާއްސަކޮށްގެން ގޭމިން ރޫމަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން "ކިޑްސް ޕްލޭ" އޭރިއާއެއް ވެސް އެސްއެމްއީ ހަބްގައި ހިމެނެއެވެ. އަދި 25 މީހުންގެ ޖާގައިގެ ސިނަމާއެއް ވެސް ހުޅުވުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ އުތުރާއި ދެކުނުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާ ކުރުމުގެ ގޮތުން، މިފަދަ ހަބުތައް މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި އައްޑޫސިޓީގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބީސީސީން ވަނީ ބުނެފައެވެ.

ދެވަނަ ފިޔަވައްސަކީ އެތަނުގެ ދެ ވަނަ ފަންގިފިލާއެވެ. މިތަން ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދުއެވެ.

އެސްއެމްއީ ހަބްގެ ފުރަތަމަ ފޭސް ހުޅުވިފައިވަނީ ކާބޯތަކެތި ވިއްކާ 19 ކިޔޮސްކް އާއި ބުކް ސުޓޯލް އަކާއި އެކުއެވެ.