ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫ ސީޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިއަދު ހަވީރު ރައީސް ސޯލިހް އައްޑޫ ސިޓީއަށް ވަޑައިގަންނަވާއިރު އެ މަނިކުފާނުގެ ސިޔާސީ އެންމެ ބޮޑު އެއް ވާދަވެރި ޕާޓީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އާއި ރަނިންމޭޓް ހުސައިން އަމްރުގެ އިތުރުން ރައީސް ނަޝީދުވެސް މިއަދު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

'ޑިމޮކްރެޓްސް' އިން މިއަދު އައްޑޫ ސިޓީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު މިރޭ ހިތަދޫ ފްލެޓް ސަރަހައްދުގައި އެ ޕާޓީގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ރައީސް ސޯލިހްގެ ކެމްޕެއިން ދަތުރުފުޅުގައި އައްޑޫގެ އެކި އަވަށްތަކުގައި ކެމްޕެއިން ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވާއިރު އެމްޑީޕީއިން އައްޑޫ ސިޓީގައި ބާއްވާ ބޮޑު ޖަލްސާ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ހިތަދޫ ސިޓީ ބާޒާރު ސަރަހައްދުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވާއިރު ހުރިހާ ކެންޑިޑޭޓުންވެސް އައްޑޫ ސިޓީއަށް ހާއްސަ އިސްކަމެއް ދީގެން އަންނަނީ ކެމްޕެއިން ހަރަކާތްތައް ބާއްްވަމުންނެވެ. މި ގޮތުން ރައީސް ސޯލިހް ވަނީ މި އަހަރު ޖޫންމަހުގެ ތެރޭގައިވެސް އައްޑޫ ސިޓީއަށް ވަޑައިގަންނަވާފައެވެ.

މީގެ އިތުރުން ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުވެސް އައްޑޫ ސިޓީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިއްޔެ އެ ސިޓީއަށް ވަޑައިތުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް މުއިއްޒުގެ އެ ދަތުރު ވަނީ ފަހުން ކެންސަލް ކޮށްލާފައެވެ.