ދިވެހި ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރި "ޖޯކަރު" ރޭ ޕްރިމިއާކޮށްފިއެވެ.

އެކަމަށްޓަކައި ރޭ އޮލިމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިލްމު ޕްރިމިއާ ކޮށްދިނީ ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް ޑައިރެކްޓަރު ނިޔާޒް (ޓެޑްރީ) އެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޓެޑްރީ ބުނީ ޒަމާންތަކަކަށްފަހު ފިލްމެއް ޕްރިމިއާ ކުރުމުގެ ފުރުސަތު ލިބިއްޖެ ކަމަށާއި އެކަމަށްޓަކައި ފިލްމުގެ ޓީމަށް ޝުކުރު އަދާކުރާ ކަމަށެވެ. ދިވެހި ފިލްމުތަކުން އަބަދުވެސް ހަތަރު ފަސް ތަރިން އެކަނި ފެންނަ ވާހަކަ އަކީ އަބަދުވެސް އިވޭ ވާހަކައެއް ކަމަށާއި ނަމަވެސް "ޖޯކަރު" ފިލްމަކީ ބޮޑު ކާސްޓަކާއެކު ފެނިގެންދާނެ ފިލްމެއް ކަމަށް ޓެޑްރީ ބުންޏެވެ.

ޔޫއްޕެ ބުނީ ފިލްމަށް ބޮޑު އުންމީދެއް ކުރެވޭ ކަމަށާއި ހާއްސަ ޝުކުރެއް ފިލްމީ ތަރި ނިމާލް އަށް އަދާކުރާ ކަމަށެވެ. ސަޅިބައިސާ އިން ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދު ނިމާލް އެ ކެރެކްޓާއިން ފެންނަން ބޭނުންވާ ވާހަކަ ބުނުމުން ފަސްޖެހުމެއްނެތި އެ ފަދަ ރޯލެއް "ޖޯކަރު" ގައި ކުޅެދޭން ނިމާލް އެއްބަސްވި ކަމަށް ޔޫއްޕެ ބުންޏެވެ. ކޮމެޑީ ފިލްމަކަށް ވުމުން ތަރިން ބުރަ މަސައްކަތެއް ކުރަންޖެހުނު ކަމަށާއި އެ ހުރިހާ ތަރިންގެ ކެރެކްޓާ ވެސް ފުރިހަމައަށް ޑެލިވާކޮށްދިން ކަމަށް ޔޫއްޕެ ބުންޏެވެ. ޔޫއްޕެ ބުނީ ފިލްމެއް ތައްޔާރުކުރަނީ ބެލުންތެރިންގެ ހިތްހަމަޖެހުމާއި އެ މީހުންނަށް ލިބޭ ވަގުތު މުނިފޫހިފިލުވުމުގެ ގޮތުން ކަމަށެވެ. އެހެންކަމުން "ޖޯކަރު" ހިތްހަމަޖެހުމާއި އުފަލުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ނިޔަތުގައި މި ފިލްމު ބެލުމަށް ޔޫއްޕެ އެދެއެވެ.

ފިލްމު ބަލަމުން ދިޔަ ވަގުތު މުޅި އޮލިމްޕަހުންވެސް ހުނުމުގެ އަޑުއިވިގެންދިޔައިރު ފިލްމު ނިމިގެން ދިޔައިރު ފިލްމަށް ބެލުންތެރިންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިގެންދިޔައެވެ. އަދި ފިލްމު ނިމިގެން ދިޔައިރު "ވަގުންގެ ޖަގަޑާ" މި ލަވައަށް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބިގެންދިޔައިރު، ތަރުހީބުގެ އަތްތިލަބަޑިއެއް ލިބިގެންދިޔައެވެ. މި ލަވައަކީ ތާރީހީ ލަވައެކެވެ. ޔޫއްޕެ އާއެކު ލަވައިގައި ސަޕްރައިޒް ތަރިއެއްގެ ފަރި ހަރަކާތްތަކެއް ފެނިގެންދިޔައެވެ.

ފިލްމު ނިމުމުން "ދަ ޕްރެސް" އިން ބެލުންތެރިންނާ ސުވާލުކޮށްލުމުން ހުރިހާ އެންމެންވެސް ބުނީ އެއް ވާހަކައެކެވެ. އެއީ ފިލްމު މަޖާ ވާހަކައެވެ. ހީހީ ބަނޑުގައި ރިއްސި ވާހަކައެވެ.

"ފިލްމު އަސްލު ވަރަށް މަޖާ. ބުނެލާ ޖޯކުތަކުން ހަމަ އަންތަރީސްވާ ފަހަރު ވެސް އައި. ފިލްމު ފެށުނީއްސުރެ ނިމެންދެން އިނދެވުނީ ހީހީ،" ބެލުންތެރިއަކު ބުންޏެވެ.

"އަހަރެންނަށް އެންމެ ސަޅީ އަލީފްގެ ކެރެކްޓާ. އޭނަ ހާދަ މޮޅޭ. ދެން އެންމެ ކަމުދިޔައީ ނިމާލްގެ ކެރެކްޓާ. އެ ކެރެކްޓާ އަކީ ވަރަށް ތާރީހީ ކެރެކްޓާއެއްތާ ދޯ! ފިލްމު ވަރަށް މަޖާ،" އެހެން ބެލުންތެރިއަކު ބުންޏެވެ.

"ޖޯކަރު" އިން ފެނިގެންދާނެ ތަރިންނަކީ އަހްމަދު ނިމާލު، ޝިލާ ނަޖީބް، އަލީ އާޒިމް (ދޮން އައްޔަ)، ނާޝިދާ މުހައްމަދު (ނާއްކޮ) އަހްމަދު ސަޢީދު، ހަމްދާން ފާރޫގު، އިބްރާހިމް ރަޝީދު މޫސާ (ބުރޯ)، މުހައްމަދު އީމާއު (ހަބޭސް އީމާއު)، ރިފްޝާން، އަލީފް އަދި ޝަހީދާ މުހައްމަދެވެ. ފިލްމުގެ ޓިކެޓް އޮލިމްޕަހުން ލިބެން ހުންނާނެއެވެ. މާލެ އޭރިއާގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ޝިވާޒް އަބްދުﷲ (މާސްކޭ) ކެމެރާ ކޮށްފައިވާ ފިލްމެކެވެ. މިފަހަރު އެމީހުން ގެނެސްދޭ "ޖޯކަރު" ގެ ޓެގްލައިން އަކީ "ލާފް މޯ، ވޮރީ ލެސް" އެވެ. މި ފިލްމަކީ އިސްމާއިލް ޝަފީގު އަދި އަލީ ޝާނީޒް ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ.

"ޖޯކަރު" މި ފިލްމަކީ ރާއްޖޭގެ މިވަގުތު ސިޔާސީ މަޝްރަހް އާ ގުޅުވައިލައިގެން ގެނެސްދިން ފިލްމެކެވެ. ހަމަގައިމުވެސް މި ފިލްމުން ބެލުންތެރިން ހެއްވާލައިފިއެވެ. ފިލްމުގެ ރިވިއުއަށް އިންތިޒާރުކޮށްލާށެވެ!