މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަށް މި ސަރުކާރުން ހިންގާ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ގޯތި ކަނޑައިފިއެވެ.

ބިން ވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއިންނާއި، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުމާލެ ފޭސް 2 އިން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކޮށް ހުޅުމާލެއިން އިން ޖަހާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ހައުސިން މިނިސްޓްރީން ވަނީ މިއަދު ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 21 މީހުން ގުޅިފަޅަށް ގެންގޮސް އެމީހުންނަށް ލިބުނު ގޯތީގެ އިންޖަހާ ހަވާލު ކޮށްފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތި ކެނޑުން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މިއަދު ގޯތީގެ އިން ޖަހަން ދިޔަ މީހުންގެ ތެރެއިން 'ދަ ޕްރެސް' އަށް މައުލޫމާތު ދިން އަންހެނަކު ބުނީ، އޭނާގެ އާއިލާގައި 15 މެންބަރުން ތިބޭ ކަމަށާއި އެމީހުންގެ ގޯތި އެ 15 މީހުންނަށް ބަހައިފި ނަމަ ލިބޭނީ ކުޑަކުޑަ ބިން ކޮޅެއް ކަމަށެވެ. އެހެންކަމުން އޭނާ އާ އެކު އެ އާއިލާގެ ތިން މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭޝަންއެއް ހުށަހެޅި ކަމަށެވެ.

ގުޅިފަޅުން ގޯތި ލިބުނު އިތުރު މީހަކު ބުނީ، އޭނާ އެންމެ ފުރަތަމަ އުންމީދު ކުރީ ހުޅުމާލެއިން ގޯތި ލިބޭނެ ކަމަށެވެ. ނަމަވެސް ގުޅިފަޅުން ލިބުމަކީ ވެސް ދެރަ ގޮތެއް ނޫން ކަމަށާއި އެއްވެސް އިންސާނަކަށް ދެރަ ގޮތެއް މެދުވެރި ނުކުރައްވާނެ ކަމަށެވެ. މާލޭގައި ކުދި ތަންތަންކޮޅުގައި ވަރަށް ހާލުގައި މުޅި އުމުރު ހޭދަކުރަމުން ދިޔަ ކަން ފާހަގަ ކުރަމުން އޭނާ ބުނީ، މުސްތަގްބަލުގައި ދިރިއުޅުން ފަސޭހަ ވާނެ ކަމުގެ ޔަގީން ކަން ކަށަވަރު ވެއްޖެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތި ކެނޑުން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މީގެ އިތުރުން މާލޭގެ 400 އަކަފޫޓުގެ ގޯއްޗެއްގައި ދިރިއުޅެމުން އައި މީހަކު ބުނީ، ގޯއްޗަށް ފޯމު ލީ ލިބޭނެ ކަމަކަށް ނޫން ކަމަށެވެ. އޭނާ މީގެ ކުރިން ވެސް ފްލެޓް ދޫކުރި ފަހަރުތަކުގައި ވެސް ފޯމު ލައިގެން އެއްވެސް ފަހަރަކު ޝަރުތު ހަމަވެ އެއިން ފްލެޓެއް ނުލިބުނު ކަމަށެވެ. އެ ފަހަރުތަކުގައި ފްލެޓް ނުލިބުމުން މާޔޫސްވި ކަމަށާއި މިފަހަރުވެސް އޭނާ ގޯއްޗަށް ލީ ލިބޭނެ ކަމަށް މާ ބޮޑު އުންމީދެއް ނުބާއްވާ ކަމަށް އޭނާ ބުނެއެވެ.

ނަމަވެސް ފުރަތަމަ ބުރުން ވެސް ގޯތި ލިބޭ މީހުންގެ ލިސްޓުން އޭނާއަށް ގޯތި ލިބޭނެ ކަން ކަށަވަރު ވެގެން ދިއުމުން ވަރަށް އުފާވި ކަމަށާއި އެމީހެއްގެ ދުވަސް އައިސް ޖެހުމުން އެ ކަމެއް ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި ކުރިން ފްލެޓް ނުލިބުނީ ވެސް ގޯތީގެ ނަސީބު އޮތީމައި ކަމަށް އޭނާ ބުނެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތި ކެނޑުން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ބިންވެރިޔާ ސްކީމްގެ ދަށުން މާލެއިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުމަށް ފަހު ގޯތީގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހަށެވެ. ގުރުއަތު ނިންމާލުމަށް ފަހު ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް އޭރު ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު، ގުޅިފަޅުން 2،218 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ދޭން ވަނީ ނިންމާފައެވެ.