ދެ ރަށެއްގެ ބަނދަރު ތަރައްގީކޮށް އިތުރު ރަށެއްގެ ނެރު ފުންކޮށް ތޮށި ޖެހުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މިގޮތުން ޕްލޭނިން މިނިސްޓްރީން ވަނީ ޅ. އަތޮޅުގެ ކުރެންދު އާއި އޮޅުވެލިފުށީގެ ބަނދަރު ތަރައްގީކުރުމަށާއި، ހއ. އުތީމުގެ ނެރު ފުންކޮށް ބޭރު ތޮށި ލުމަށް އެމްޓީސީސީ އާ މިއަދު ހަވާލުކޮށްފައެވެ.

ޖުމްލަ 126 މިލިއަން ރުފިޔާގެ މި ތިން މަޝްރޫއާ ގުޅޭ އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު ހުސައިން މޫސާއެވެ.

މި ތިން މަޝްރޫއުގެ ތެރެއިން އޮޅުވެލިފުށްޓާއި ކުރެންދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ އެ ދެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފަށާތާ 1 އަހަރާއި ތިން މަހުން ނިންމާ ގޮތަށެވެ. އަދި އުތީމުގެ ނެރު ފުންކޮށް ތޮށި ލުމުގެ މަޝްރޫއު ހަވާލުކުރީ އަމަލީ މަސައްކަތް ފަށާތާ ހަ މަހުން ނިންމާ ގޮތަށެވެ.

މި ތިން މަޝްރޫއުގެ ތަފްސީލު ހާމަކޮށް އެމްޓީސީސީން ވަކިވަކިން ނެރުނު ނޫސްބަޔާންތަކުގައިވާ ގޮތުން:

  • އޮޅުވެލިފުށީގެ ބަނދަރު ތަރައްގީ ކުރުން: މި މަޝްރޫއުގެ ދަށުން ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 49,857 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 14،160 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 164 މީޓަރުގެ ރިވެޓްމެންޓު ޖެހުމާއި، 156 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އައުޓާ ރިވެޓްމެންޓެއް ޖެހުމާއި، 246 މީޓަރުގެ އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ފަސް މީޓަރު ފުޅާ 27 މީޓަރު ދިގު ބްރިޖެއް ހެދުމާއި، 1149 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުން ހިމެނެއެވެ.
  • ކުރެންދޫގެ ބަނދަރު ތަރައްގީ ކުރުން: މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 36،363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 63 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި، 415 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 243 މީޓަރު ދިގު ދެ މީޓަރު ފުޅާ އާރުސީ ޖެޓީއެއް ހެދުން ހިމެނެއެވެ.
  • އުތީމުގެ ނެރު ފުންކޮށް ބޭރު ތޮށި ލުން: މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 8،400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 50 މީޓަރުގެ ބޭރުތޮށި ލުން ހިމެނެއެވެ.