ގިނަ ދިވެހި އިލްމުވެރިން ތިއްބަވާ "އިލްމުވެރިންގެ ގުޅުމު"ގެ ބޮޑު ތާއީދެއް، އަންނަ ހޮނިހިރު ދުވަހު އޮންނަ މައި އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން ހާމަކޮށްފިއެވެ.

150 އަށް ވުރެ ގިނަ ދިވެހި އިލްމުވެރިން ތިއްބަވާ އިލްމުވެރިންގެ ގުޅުމުގެ ވައިބާ ގްރޫޕުގައި އިއްޔެ ވަނީ، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ދިވެހި ގައުމާއި އިސްލާމްދީނުގެ ހައްގުގައި އެ ގުޅުމުން ތާއީދުކުރަން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކޮބައިތޯ ސުވާލުކޮށް، ޕޯލެއް ހުޅުވާ ވޯޓެއް ނަގާފައެވެ.

އިލްމުވެރިންގެ ގުޅުމުގެ ގްރޫޕްގައި ތިއްބަވާ 150 އަށް ވުރެ ގިނަ އިލްމުވެރިންގެ ތެރެއިން 105 އިލްމުވެރިޔަކު ވަނީ މި ޕޯލްގައި ބައިވެރިވެ ވަޑައިގެންފައެވެ. ޕޯލްގެ ވަގުތީ ނަތީޖާ އަށް ބަލާލާއިރު:

އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ނުވަ އިލްމުވެރިޔަކު ތާއީދުކުރައްވައެވެ. 87 އިލްމުވެރިޔަކު މުއިއްޒަށް ތާއީދު ކުރައްވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަނީ ފަސް އިލްމުވެރިއެކެވެ. އަދި ޖުމްހޫރީ ޕާޓީން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށާއި، އެމްއެންޕީން ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށާއި، އަމިއްލަ ގޮތުން ވާދަކުރައްވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނަށާއި، ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ތާއީދު ކުރައްވަނީ އެންމެ އިލްމުވެރިޔެކެވެ.

ނަމަވެސް އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަސަން ޒަމީލަށް އެއްވެސް އިލްމުވެރިޔަކު ތާއީދު ނުކުރައްވާކަން ވަގުތީ ނަތީޖާ އިން ދައްކައެެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސަށް ތާއީދުކުރައްވާ އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން ވެސް އިލްމުވެރިންގެ ގުޅުމުގައި އުޅުއްވައެވެ.