އެމެރިކާއިން އަބަދުވެސް ފާރަލަމުން ގެންދާ އުތު ކޮރެއާގެ ލީޑަރު ކިމް ޖޮންގްއުން ރަޝިއާއަށް ވަޑައިގަތުމަށް ތާވަލު ކޮށްފި ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް އާއި ބީބީސީ ފަދަ ނޫސް އިދާރާތަކުން ބުނީ، އެ ދަތުރު ހަމަޖައްސާފައި ވަނީ މިމަހުގެ ތެރެއަށް ކަމަށާއި ނަމަވެސް ތާރީހެއް ބައްދަލުކުރައްވާ ތަނެއް ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާއިން ފެތުރި މި ހަބަރާ ގުޅިގެން ރަޝިއާ އަދި އުތުރު ކޮރެއާއިން އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު އެމެރިކާއިން ތުހުމަތު ކުރަނީ، އެ ދެ ލީޑަރުން ބައްދަލު ކުރައްވަނީ، އުތުރު ކޮރެއާގައި އުފައްދާ ހަތިޔާރު ރަޝިއާ އަށް ވިއްކުމުގެ މަޝްވަރާތަކަށް ކަމަށެވެ.
ދާދި ފަހުން އެމެރިކާގެ ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވެފައި ވަނީ، ރަޝިއާގެ ޑިފެންސް މިނިސްޓަރު ސާޖީ ޝޮއިގޫ ދާދި ފަހުން އުތުރު ކޮރެއާއަށް ކުރެއްވި ދަތުރުގައިވެސް ހަތިޔާރު ގަތުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، އުތުރު ކޮރެއާގެ އުފެއްދުންތައް ރަޝިއާ އަށް ވިއްކުމަށް ބާރު އަޅުއްވާފައި ވާ ކަމަށެވެ.
އޭނާގެ އެ ދަތުރުގައި އަސްކަރީ ހަތިޔާރު ޑިސްޕްލޭ ކޮށްފައި ހުންނަ ބޮޑު ފެއާ އަކަށް ޒިޔާރަތް ކުރައްވާފައި ވާ އިރު ކިމް އާ އެކު ނަންގަވާފައި ވާ ބައެއް ފޮޓޯވެސް އާންމުވެފައި ވެއެވެ.
އުތުރު ކޮރެއާ އާއި ރަޝިއާ އަކީ ހުޅަނގާ މެދު ދާދި އެއްވިސްނުމެއް ގެންގުޅޭ ދެގައުމު ކަމަށް ވާއިރު، ދެގައުމުގެ ދެމެދުގައި ގުޅުންތައް ވަރުގަދަ ކުރުމަށް އެދިވަޑައިގެން ރަޝިއާގެ ރައީސް ދާދި ފަހުން ކިން އަށް ސިޓީއެއްވެސް ފޮނުއްވާފައި ވެއެވެ.
މި ދަތުރާ ގުޅިގެން އެމެރިކާއިން އިތުރަށް ބުނީ، އުތުރު ކޮރެއާއިން މީގެ ކުރިން ބުނެފައި ވާ ފަދައިން ރަޝިއާ އަށް އެއްވެސް ހަތިޔާރެއް ނުވިއްކުމަށް އެދޭ ކަމަށެވެ. އަދި ހަތިޔާރު ވިއްކައިފި ނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.
ދުނިޔެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ކުރިއަށް ދާއިރު، ހަތިޔާރާއި ޓެކްނޮލޮޖީގެ ރޮނގުން ކުރި ހޯދައި އެއްބަޔަކަށް ވުރެ އަނެއް ބަޔަކު ކުރިއަރާދާން މަސައްކަތް ކުރާ އިރު، ސިޔާސީ ޖިއޯ ޕޮލިޓިކްސް [ދޭދޭ ގައުމުތަކުގެ ދެމެދުގައި އޮންނަ ސިޔާސަތު] ގައި އެމެރިކާ އާ ހިޔާލުތަފާތުވާ ހުރިހާ ގައުމަކާ މެދު ހަރުކަށިކަން އެގައުމުން އިސްކުރެއެވެ. އެގޮތުން، އުތުރު ކޮރެއާއަށް ސިހުން ގެނައުމަށްޓަކައި އެމެރިކާއިން ދަނީ ދެމިގެންދާ އަސްކަރީ ފަރިތަކުރުންތަކެއް ދެކުނު ކޮރެއާއާއެކު ކުރިއަށް ގެންދަމުންނެވެ. މިއީ އުތުރު ކޮރެއާއިން ބަލައިގަންނަ ކަމަކަށް ނުވާއިރު، އެއިން ކޮންމެ ފަރިތަ ކުރުމަކާ ދިމާކޮށް އެގައުމުން މިސައިލް ޓެސްޓް ކުރެއެވެ.
އެމެރިކާ އާއި އުތުރު ކޮރެއާގެ ފަރިތަކުރުންތަކަށް ގޮންޖެހުމަށްޓަކައި ރަޝިއާއި ޗައިނާ އާ ގުޅިގެން އުތުރު ކޮރެއާ އިން ވެސް އެފަދަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައް މިހާރު ކުރަމުން އެބަދެއެވެ.