އއ. ރަސްދޫގައި ސަރުކާރުން އިމާރާތް ކުރަން ނިންމާފައިވާ 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، މިއަދު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

އެކަމަށް ހާއްސަކޮށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

ރަސްދޫގައި އަޅާ 50 ހައުސިން ޔުނިޓްތަކަކީ 1،000 އަކަފޫޓްގެ އިމާރާތް ތަކެކެވެ. އެ އިމާރާތުގައި ތިން ކޮޓަރި އާއި ތިން ފާހަނާ އަދި ސިޓިންގް ރޫމާއި ބަދިގެ އާއި ކާގެ އާއި ލޯންޑަރީގެ އިތުރުން ސްޓޯރް ރޫމު ހިމެނޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައި ދިނުމަށްޓަކައި ހައުސިން ޔުނިޓްތައް ވަށައިގެން އަލިކޮށް، ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

270 ދުވަސްތެރޭ ނިންމާ ގޮތަށް އެސްޖޭ ކުންފުންޏާ ހަވާލު ކުރި މި މަސައްކަތުގެ އަގަކީ 84،218،400 ރުފިޔާއެވެ.