މ. އަތޮޅުގައި ދެމުން އައި ފެރީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ސްޕީޑް ފެރީ ހިދުމަތް ފަށާފައި ވާކަމަށް އެމްޓީސީސި އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި ހިދުމަތުގައި ބޭނުން ކުރެވޭ ސްޕީޑް ފެރީތަކަކީ ޖުމްލަ 45 ފަސެންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދުތަކެއް ކަމަށެވެ. އަދި މި ހިދުމަތް ހަފުތާއަކު ތިން ދުވަހު މ. އަތޮޅުގެ ހުރިހާ ރަށަކަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީ އިން ބުނީ ސެޕްޓެމްބަރު 4، 2023 ވަނަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސްޕީޑް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައި ވަނީ މުޅިން ހިލޭ ކަމަށެވެ.

އެމްޓީސީސީ އިން ބުނީ ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށ،ް މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުންކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ފެށުމާއެކު ހިދުމަތް ދިނުމަށް ތައްޔާރު ކުރެވިފައިވާ ވެބްސައިޓުން އޮންލައިންކޮށް ޓިކެޓް ނެގޭނެކަމަށެވެ.

އިތުރަށް އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އެއް މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމި ތިބުން ކަމަށެވެ.