ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ ގޮތައް ތައްޔާރު ކޮށްފައިވާ މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް މިދިޔަ ހަފްތާގެ ތެރޭގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ މި ދިޔަ މަހުގެ 26 އިން ފެށިގެން އިއްޔެގެ ނިޔަލަށް "ފަވަރަ" މެދުވެރިކޮށް 128.42 މިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 29،773 ފައިސާގެ މުއާމަލާތް ހިމެނޭ ކަމަށެވެ.

ހަމައެކަނި މިދިޔަ މަހުގެ 26 އިން 28 ގެ ނިޔަލަށް ފަވަރަ މެދުވެރިކޮށް ކުރި މުއާމަލާތް ތަކުގެ ތެރޭގައި 3،678 ފައިސާގެ މުއާމަލާތް ހިނގާފައި ވާއިރު އެ ދެ ދުވަހުގެ ތެރޭގައި 10.6 މިލިއަން ރުފިޔާގެ މުއާމަލާތް ވަނީ ކޮށްފައެވެ.

ފަވަރަ ސިސްޓަމުން ލިބޭ ހިދުމަތްތައް:

  • ވަގުތުން ފައިސާ ފޮނުވޭ ހިދުމަތް (އިންސްޓަންޓް ޕޭމަންޓްސް)
  • ފައިސާ ހޯދުމަށް ފަސޭހަގޮތެއް (ރިކުއެސްޓް ޓު ޕޭ)
  • އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިން)
  • އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުން (އެކައުންޓް ވެރިފިކޭޝަން)

ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ހިދުމަތް ލިބިގެންދާ މި ސިސްޓަމްގެ ހިދުމަތް ފަށާފައި ވާއިރު މި ވަގުތު މި ސިސްޓަމް ބޭނުން ކުރަން ފަށާފައި ވަނީ 3 ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ. އެހެން ބޭންކުތަކުން ވެސް މި ސިސްޓަމްގައި ބައިވެރިވުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

މިއީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ އަށް މި ފަހުން އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި މި ސިސްޓަމްގެ ދެވަނަ ފޭސް ނިމޭއިރު ހިދުމަތްތައް ފުޅާކުރެވި އާ ކަންތައްތައް ތައާރަފްކުރެވި މާފަސޭހަ އީޖާދީ ބަދަލުތަކެއް ރާއްޖޭގެ މާލީ ނިޒާމަށް ގެނެސްދޭކަން އެމްއެމްއޭއިން ފާހަގަ ކޮށްފައި ވާއިރު މިރޭ ލޯންޗުކޮށްފައި ވަނީ މި ސިސްޓަމްގެ ފުރަތަމަ ފޭސްއެެވެ.