ބަންގްލަދޭޝްގެ ރައްޔިތުން "ޝައިހް ހަސީނާ އާއި ހާލިދާ ޒިއާ" ގެ ކިބައިން ސަލާމަތް ނުވެގެން އުޅޭ ބީދައިން، ދިވެހިން އުޅެނީ އެމްޑީޕީ އާއި ޕީޕީއެމްގެ ކިބައިން ސަލާމަތް ނުވެވިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާހީމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފާއިތުވި 15 އަހަރުގެ ތެރޭގައި އެއްބަޔަކު ވެރިކަން ކުރަމުން އައުން ކަމަށެވެ. އެ ގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަން ކުރުމަށް ދެ ދައުރު ލިބިފައިވާކަމަށާއި އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ވެރިކަން ކުރަން އެއް ދައުރު ލިބިފައި ވާކަމަށް އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އެންމެ ޑިމޮކްރެޓިކް ޕާޓީގެ ގޮތުގައި ބުނާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ގައި މިހާރު "މޯލްޑިވިއަން" އަދި "ޑިމޮކްރެޓިކް" ގެ ނަން ވެސް ނެތްކަމަށާއި މިއަދު އެ ޕާޓީ ވެފައި ވަނީ ދިފާއީ ވަޒީރުގެ "ޑާންސް ޕާޓީ" އަށް ކަމަށެެވެ.

މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި "ރައީސުލްޖުމްހޫރިއްޔާ" އެއް ނެތް ކަމަށެވެ. އަދި މިއަދު މި ގައުމުގެ ވެރިކަމުގައި ހުންނެވީ އިންޑިއާގެ ޗީފް މިނިސްޓަރެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ސަރުކާރުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އިންޑިއާ ސަރުކާރުގެ ނުފޫޒު ބޮޑުވެފައި އޮތް މިންވަރާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖެއިން ކަންތައް ކުރަމުން ދަނީ އިންޑިއާ އިން އަންގާ ގޮތަކަށް ކަމަށެވެ.

އެމްޑީޕީއާއި ޕީޕީއެމްގެ ކިބައިން ސަލާމަތް ނުވެވިގެން އުޅޭ ވާހަކަ ޖޭޕީން ދައްކާއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދައްކަވާ އެއް ވާހަކައަކީވެސް އެއީއެވެ. އޭނާ ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީ އާއި ޕީޕީއެމް އަށް ވެރިކަން ދެވިއްޖެ ކަމަށާއި ދެން އޭނާއަށް ވެރިކަން ދިނުން ކީއްތޯއެވެ. އެހެން ކަމުން އަންނަ ރިޔާސީ އިންތިހާބުގައި އޭނާ އަށް ވޯޓުލާން ގެންދަވަނީ ރައްޔިތުންގެ ކިބައިން އާދޭސް ދަންނަވަމުންނެވެ.