ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓުންގެ ސިޔާސަތުތަކާ މެދު ސުވާލު އުފައްދައި ރައްދު ދީ، ބޮޑު ބަހުސެއް ކޮށްފިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުވެވަޑައިގެންފި ނަމަ، ބޯހިޔާވަހިކަމުގެ ސިޔާސަތު ގެންގުޅުއްވާނެ ގޮތާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ފައިނޭންސް ހޯދާނެ ގޮތް ކިޔައިދެއްވައިފައެވެ.

ބައެއް ކެންޑިޑޭޓުން ވިދާޅުވީ، އޭރުގެ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައި ވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި، އިންސާފެއް ނެތި، ހަމައެއް ލަމައެއް ނެތި ކަމަށެވެ. ކޮންމެ ބަޔަކު ވެސް ވެރިކަމާ ހަވާލުވުމަށް ފަހު އޭގެ ކުރިން އޮތް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ބަދަލުކުރާ ކަން ބައެއް ކެންޑިޑޭޓުން ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު، ވެރިކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، އެއްފަސްކުރުމުގެ ސިޔާސަތެއް ނުގެންގުޅުއްވާނެ ކަމަށް ބައެއް ކެންޑިޑޭޓުން ވިދާޅުވިއިރު، އެހެން ބައެއް ކެންޑިޑޭޓުންގެ ވާހަކަ ހުންނެވީ އެއްފަސްކުރުމުގެ ސިޔާސަތެއް ގެންގުޅުއްވާނެ ފަދަ ގޮތަކަށެވެ. މި ސަރުކާރުން ދޫކުރި ބިމާއި ގޯތި ލިބުނު މީހުންގެ އަތުން އެ ތަންތަން އަތުލުމުގެ ވިސްނުންފުޅެއް ނެތް ކަމަށް، ބައެއް ކެންޑިޑޭޓުން ވިދާޅުވިއެވެ.

އެމްއެންޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ނާޒިމް ވިދާޅުވީ:

  • ގެވަޅު ހިފައިގެން ބޭންކަށް ދިޔައީމަ ލޯނު ލިބޭ ސިޔާސަތެއް ތައާރަފްކުރައްވާނެ ކަމަށް
  • ރާއްޖޭގެ އިގްތިސޯދު ވަރުގަދަވީމަ ރޭޓިން މައްޗަށް ދާނެ ކަމަށާއި، އޭރުން ބޭރުގެ އެކި ބޭންކުތަކުން ފައިސާ ދޫކުރުމުން ލޯނު ލިބޭނެ ކަމަށް

ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، އާންމުންގެ ތެރެއިން ގިނަ މީހުންގެ ބޯހިޔާވަހިކަން ކަށަވަރު ނުވަނީ ރަހުނު ކުރާނެ އެއްޗެއް ނުވަތަ އެ ވަރަށް އެ މީހެއްގެ އަތުގައި ފައިސާ ނެތުމުން ކަމަށާއި، އޭނާ ވެރިކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ އެފަދަ މީހުންނަށް އޭނާގެ ސަރުކާރެއްގައި ގެރެންޓީ ދީގެން ވިޔަސް ވެސް އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

މިހެން ވިދާޅުވުމަށް ފަހު، އިލްޔާސް ވަނީ އޭނާ ގެންގުޅުއްވާ ސިޔާސަތު ހާމަކުރައްވައިފައެވެ. އެއީ:

  • މާލޭގެ ފަސް ކޮށްޓެއް ހުސްކޮށް، 15 ބުރީގެ ފަސް ކޮންޑޮމީނިއަމް އިމާރާތްކުރުން
  • އޭގެ ތެރެއިން 13 ބުރި އަށް ކޮންޑޯތަކާއި އެޕާޓްމެންޓުތައް ހާއްސަކޮށް، ފުރަތަމަ ތިން ބުރި ޕާކުކުރުމަށާއި ކްލިނިކް ފަދަ ތަންތަނަށް ހާއްސަކުރުން
  • އަމާޒަކީ 2500 ކޮންޑޯ ގާއިމްކުރުން

އަމިއްލަގޮތުން ވާދަކުރައްވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަން މުޅިން ހައްލުކުރުމަށްޓަކައި 20 އަހަރުގެ ސިޔާސަތެއް ބޭނުންވެއެވެ. ހިލޭ ބިން ބެހުމުގެ ސިޔާސަތެއް މިއަދު އޮތުމުގެ ސަބަބުން މާލެ އަށް މީހުން އައިސް ތޮއްޖެހޭ ކަމަށް ވިދާޅުވެ، ފާރިސް ވިދާޅުވީ މައްސަލައަކީ ރޭވުންތެރިކަމެއް ނެތް ގޮތަށް ބޯހިޔާވަހިކަމުގެ ސިޔާސަތުތައް އެކުލަވާލުމުގެ ސަބަބުން ސޯޝަލް ހައުސިން ސްކީމްތައް މަސްހުނިވެގެން ދިއުން ކަމަށެވެ.

ފާރިސް ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރަށް އޭނާ އިންތިހާބުކުރައްވައިފި ނަމަ:

  • ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކި އަދަދެއް ދާ ގޮތަށް ބޯހިޔާވަހިކަމަށް ހާއްސަ ޓްރަސްޓް ފަންޑެއް އެކުލަވާލައްވާނެ ކަމަށް
  • މި ނިންމުން ފާސްކުރައްވާނީ އެންމެންގެ މަޝްވަރާ އާއި ހިޔާލާ އެކުގައި ކަމަށް

އޭނާ ފާހަގަކުރެއްވި ގޮތުގައި، ދައުލަތުން ހަރަދުކުރަންވީ މާލެ ތަރައްގީކުރުމުގެ ބަދަލުގައި ބޮޑެތި އެހެން ބިންތައް ތަރައްގީކުރުމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ، މިހާތަނަށް އައި އެއްވެސް ސަރުކާރަކުން ބޯހިޔާވަހިކަން ރަނގަޅަށް ހަމަޖައްސައިދީފައި ނުވާ ކަމަށާއި، ބޯހިޔާވަހިކަން ހަމަޖައްސައިދިނުމުގައި އެއްވެސް ހަމައެއް އިންސާފެއް ނެތް ކަމަށެވެ. މި ސަރުކާރުން ބިން ދޫކުރީ އިންތިހާބުގައި ނާޖާއިޒު ފައިދާ ހޯދައި، ވޯޓު ހޯދުމަށް ކަމަށް، ގާސިމް ތުހުމަތުކުރެއްވިއެވެ.

މީގެ ކުރިން ވެސް ތަކުރާރުކުރެއްވި އެއް ވާހަކަ ކަމަށްވާ، ސޯޝަލް ހައުސިން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓުތައް ލިބުނު ފަރާތްތަކުގެ ކުލި އެއްކޮށް މައާފްކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރޭ ވެސް ގާސިމް ތަކުރާރުކުރެއްވިއެވެ. އެކަން ކުރައްވާނީ ސަރުކާރުގެ އާމްދަނީ އިތުރުކޮށްގެން ކަމަށާއި، ކުލިތައް މައާފްކުރުމަކުން ދައުލަތަކަށް އެއްވެސް ބުރައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަހުސްގައި ދެން ވާހަކަ ދެއްކެވި ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުން ފައިސާ ގިނައިން ޗާޕުކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހަލާކުވެފައިވާ ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ގެނެވޭނީ އިގްތިސޯދު ހަރުދަނާކޮށް، އިންވެސްޓާ ކޮންފިޑެންސް އަލުން އިއާދަކޮށްގެން ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި:

  • ސަރުކާރު ކުންފުނިތަކުގެ ދަރަނި 32 ބިލިއަން ޑޮލަރަށް އަރާ، އެ ތަންތަން ހަރުދަނާކުރަން އެބަ ޖެހޭ
  • އިންވެސްޓްމެންޓު ބޭންކެއް ހުޅުވައި، ލޯނު ދޫކުރެވޭ ގޮތް ހަދަން ޖެހޭ
  • ފުށިދިއްގަރުފަޅު ހަ މަހާއި އަހަރު ދުވަހާ ދެމެދުގެ މުއްދަތެއްގައި ހިއްކާނަން

މުއިއްޒަށް ފަހު ބަހުސްގައި ވާހަކަ ދެއްކެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ގުޅީފަޅުން ގޯތި ލިބުނު މީހުން އެ ތަނުން ބޭލުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެެއްކެވުމުން މުއިއްޒު ވިދާޅުވީ، މިހާރާ ބަލާއިރު އެތަން ތަފާތު ކަމަށާއި، އޭރު ތިލަފުށީގައި ކުނި އަންދައި އެ ތަނުން ދުން އަރާތީ، ގުޅީފަޅަކީ އާންމުން އުޅެން ރަނގަޅު ތަނެއް ނޫން ކަމަށް ނިންމެވީ ކަމަށެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހަގީގަތުގައި މަސައްކަތްކުރީ މި ސަރުކާރުން ކަމަށާއި، ވަކިން ހާއްސަކޮށް މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ވެސް މަސައްކަތްކުރީ މި ސަރުކާރުން ކަމަށެވެ. މިކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާ ބޭފުޅުންނަކީ މާލޭގެ ރައްޔިތުންނަށް ބޭއިންސާފުކޮށް ވާހަކަފުޅު ދައްކަވާ ބޭފުޅުންގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ، އަންނަ ނޮވެމްބަރު މަހު ގިރާވަރުފަޅުން ގޯތި ދޫކުރެވޭ ވަރު ވާނެ ކަމާއި ގުޅީފަޅު ހިއްކޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އިލްޔާސް ލަބީބުގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ގޯތި ދޫކުރަނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށެވެ.

ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އަދި އަމިއްލަ ކެންޑިޑޭޓު ހަސަން ޒަމީލް ވިދާޅުވީ، އޭނާ ކަންބޮޑުވެވަޑައިގަންނަވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދަރަންޏަށް ފައިސާ ނަގައިގެން ހިންގާތީ ކަމަށެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން އެންމެ ފަހުން ވާހަކަ ދެއްކެވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދާނީ ކޮންތާކުން ކޮން ގޮތަކަށްތޯ ސުވާލު އުފައްދަވައިފައެވެ. ކެންޑިޑޭޓުންގެ ނަންފުޅު ނުގަނެ، އުމަރު ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހައްލު ނުވާނެ ކަމަށް ވިދާޅުވެ، ބައެއް ކެންޑިޑޭޓުންނަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއަކުން ވެސް އާންމުންނަށް ބޮޑު އަގުގައި ގޯއްޗާއި ފްލެޓުތައް ލިބުނު އިރު، މުއްސަނދިންނަށާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް ގޯތި ލިބެނީ އާންމުންނަށް ލިބޭ ވަރަށް ވުރެ ކުޑަ އަގެއްގައި ކަމަށެވެ.