ކުރިއަށް އޮތް ދައުރަށް ހޮވިވަޑައިގެންފި ނަމަ، އިތުރު ޓެކުހެއް ތައާރަފްނުކުރައްވާނެ ކަމަށް ވިދާޅުވެ، 2026 ވަނަ އަހަރު ރާއްޖޭގެ ދަރަނި ދައްކާނެ ގޮތް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރޭ ހާމަކުރައްވައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުވެވަޑައިގެންފި ނަމަ، ދައުލަތަށް އާމްދަނީ އިތުރުކުރާނެ ގޮތްތަކާއި ދަރަނި ދައްކާނެ ގޮތާއި، އިގްތިސޯދު ކުރިއެރުވުމަށްޓަކައި ކަންކަން ކުރައްވާނެ ގޮތުގެ ސިޔާސަތު ރޭ ހާމަކުރައްވައިފައެވެ.

އެގޮތުން، ހުރިހާ ކެންޑިޑޭޓުން ވެސް އެއްބަސްވެވަޑައިގެންނެވި އެއް ކަމެއް އެބަ އޮތެވެ؛ އެއީ އިތުރު ޓެކުހެއް ރައްޔިތުންގެ އަތުން ނުނެގުމަށެވެ. ޓެކުހުގެ ގޮތުގައި ރައްޔިތުންގެ އަތުން ނަގާ މިންވަރު ދަށްކުރާނެ ކަމަށް ބައެއް ކެންޑިޑޭޓުން ވިދާޅުވިއިރު، އަނެއް ބައި ކެންޑިޑޭޓުންގެ ވިސްނުމަކީ ރައްޔިތުންގެ އަތުން ޓެކްސް ނުނަގައި މުއްސަނދި މީހުންގެ އަތުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑުކުރުމެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ހޮވިއްޖެ ނަމަ ދައުލަތުގެ ދަރަނި ދައްކާނެ ގޮތާއި، އިގްތިސޯދީ ސިޔާސަތާއި، ޓެކުހާއި ގުޅޭ ސިޔާސަތުތައް (ތަރުތީބުން)

  1. އުމަރު ނަސީރު:
    • ހިލޭ ތަކެތި ބަހާ އުސޫލާއި ކައިރިކައިރީގައި އެއާޕޯޓު އެޅުން ފަދަ ބޭކާރު ހަރަދުތައް ނައްތާލައި، ފަތުރުވެރިކަމަށް ހަމައެކަނި ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް އިގްތިސޯދު ސިންދަފާތުކުރާނަން
    • އެގޮތުން ޓްރާންސްޝިޕްމެންޓު ބަނދަރުތަކާއި ފްރީ ޓްރޭޑް ޒޯނުތައް ހަދައި، މަސްވެރިކަން ވެސް ހަމައެކަނި މަސް ބޭރުކުރުމުގެ ބަދަލުގައި ތަފާތު ގޮތްގޮތަށް ބޭރުކުރާނަން
    • އިތުރު ޓެކުހެއް ތައާރަފުނުކުރާނަން އަދި ދައުލަތުގެ ހަރަދުތައް 30 ޕަސެންޓު ކުޑަކުރާނަން
  2. ހަސަން ޒަމީލް:
    • ކުދި ރަށްރަށުގައި ބޮޑެތި މަޝްރޫއުތަކާއި އަސާސީ ހިދުމަތްތައް ގާއިމްކުރުން ރަނގަޅު، ނަމަވެސް އެކަން ދެމެހެއްޓޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ
    • މިހާރު ދައުލަތަށް ލިބޭ އާމްދަނީން ހުރިހާ މަޝްރޫއުތަކެއް ހިންގައި ވައުދުތަކެއް ނުފުއްދޭނެ، އެހެންވީމާ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ކަންކަން ހުށަހަޅާފައި ވާނެ
    • ދައުލަތުން ކަންކަން މެނޭޖުކުރެވޭނީ ހަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތް ހޯދައިގެން، އޭރުން ދަރަނިން ސަލާމަތްވެ، 2026 ގައި ދަރަނިތައް ދައްކައި ހަލާސްކުރެވޭނެ
    • އިންކަމް ޓެކްސް ކަނޑާލާނަން
  3. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު:
    • 2026 އަށް ޑިއު ވަނީ 800 މިލިއަން ޑޮލަރުގެ ލޯނު، އޭގެ ތެރޭގައި ހިމެނޭ އޭޑީއެފްޑީގެ 100 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން ފަސްކުރަން ވާހަކަ ދެކެވި އެއަށް ޖާގަ ދެވިފައިވޭ
    • ކުރީގެ ސަރުކާރުން ނެގި ސަނީ ސައިޑް ބޮންޑަށް ވަނީ މި ސަރުކާރުން ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކުން 250 މިލިއަން ޑޮލަރު ދައްކާފައި
    • ސަރުކާރުން ބޭނުންވަނީ މިހާރު ނަގާފައި ހުރި ލޯނުގެ ދެބައިކުޅަ އެއްބައި އަލުން ރީފައިނޭންސްކުރުން، އޭރުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު 400 މިލިއަން ޑޮލަރަށް ބޮޑުވެ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ލޯނު ދައްކަން ދައްޗެއް ނުވާނެ
    • އިތުރު ޓެކުހެއް ތައާރަފްކުރުމުގެ ވިސްނުމެއް ނެތް
  4. ޑރ. މުހައްމަދު މުއިއްޒު:
    • ދެމެހެއްޓެނިވި އިގްތިސޯދަކަށް ހެދޭނީ މިހާރު ހުރި ކަންކަން ރަނގަޅުކޮށްގެން، އެގޮތުން ރިކަރަންޓު ހަރަދަށް އެމްއެމްއޭ އިން ފައިސާ ނެގުން ހުއްޓުމަކަށް ގެނެސް ރައްޔިތުންގެ އަތުން ނަގާ ޓެކުހުން ރިކަރަންޓު ހަރަދަށް ފައިސާ ނަގާ ގޮތަށް ބަދަލު ގެނެސްގެން
    • ދަރަނި މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ، ބޭނުންވަނީ ދެމެހެއްޓެނިވި ގޮތަކަށް ތިރިކުރަން
    • ފައިސާ ޗާޕުކޮށްގެން ދައުލަތުގެ ހަރަދުތައް ބެލެހެއްޓުން ނިމުމަކަށް ގެންނަން ޖެހޭ، އެހެން ނޫނީ އިގްތިސޯދު ހޭރިޔާ ވެގެނެއް ނުދާނެ
    • އިންފްލޭޝަން ހަމައަކަށް އަޅުވައި އެކްސްޗޭންޖް ރޭޓު ވަކި ކޮންޓްރޯލަކަށް ތިރިކުރަން ޖެހޭ، އޭރުން އިގްތިސޯދު ރަނގަޅުވެގެން ދާނެ، ދަރަނި ދެއްކުމުގެ ފުރުސަތު ލިބިގެން ދާނެ
    • ޓެކްސް ތައާރަފްނުކުރާނަން، ނަމަވެސް ޓެކްސް ބޭސް ފުޅާކުރުން
  5. ގާސިމް އިބްރާހީމް:
    • ލޯނުތައް އަދާކުރުމަށްޓަކައި ބޭރު ގައުމުތަކާއި އޭޖެންސީތަކުން 600 މިލިއަން ޑޮލަރުގެ އެހީ ހޯދާނަން
    • ތަފާތު ރޮނގުތަކުން ޓެކުހުގެ ނިޒާމު އެއް އުސޫލަކަށް ފައްތާނަން
    • އިމްޕޯޓް ޑިއުޓީ ހާމޮނައިޒްކޮށް، އާމްދަނީ އިތުރުކުރެވޭނެ މަގުފަހިކުރާނަން
    • އިތުރު ޓެކުހެއް ތައާރަފްނުކުރާނަން، އަދި ކޮރަޕްޝަނަށް މަގު ފަހިވެފަ އޮތް މިންވަރު ކުޑަކުރާނަން
  6. އަހްމަދު ފާރިސް މައުމޫން:
    • ހޮވިއްޖެ ނަމަ ލޯނުތައް ރީފައިނޭންސްކޮށް ރީސްޓްރަކްޗާ ކުރާނަން
    • ލޯނުގެ ޕޯޓްފޯލިއޯ ސިންދަފާތުކޮށް އިތުރު ގައުމުތަކާއި އިދާރާތަކާ އެކު އެއްބަސްވުން ހަދާނަން
    • ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އިގްތިސޯދު ފުޅާކުރާނަން، މިކަމަށް ދިގު މައްދަތެއް ނަގާނެ
    • ޑިޖިޓަލް ކްރީއެޓިވް ސެކްޓާ އާއި ކްރޮސްބޯޑާ ފައިނޭންސް ތައާރަފްކޮށް ފިންޓެކް އިންޑަސްޓްރީ ތަރައްގީކުރާނަން
    • ރިކަރަންޓު ހަރަދުތަކުން ބޭކާރު ހަރަދުތައް އުނިކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ވަގުތުން ވަގުތަށް ހުއްޓާލާނަން
    • އިތުރު ޓެކުހެއް ތައާރަފްނުކުރާނަން އެކަމަކު ރިގްރެސިވް ޓެކްސް ދަށްކޮށް އުވާލައި، ޓެކްސް ހަރުދަނާ ކޮށް އެންމެ މުއްސަނދި މީހުން އަތުން ނެގޭ ގޮތަށް ބައްޓަންކުރާނަން
  7. އިލްޔާސް ލަބީބު:
    • ދަރަނި ރީސްޓްރަކްޗާ ކޮށް ގައުމުތަކާ އެކީ މަޝްވަރާކޮށް ގްރޭސް މުއްދަތު އިތުރުކުރާނަން
    • އާމްދަނީ އިތުރުކުރުމަށްޓަކައި ޓެކްސް ބޭސް ބޮޑުކުރާނަން
    • އާދައިގެ މީހާ އަތުން ޓެކްސް ނުނަގައި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑުކުރާނަން
  8. މުހައްމަދު ނާޒިމް:
    • މިހާރު އަޅަން ފަށާފަ ހުރި އެއާޕޯޓުތަކުގެ މަޝްރޫއުތައް ދެ އަހަރުން ނިންމައި، ރިސޯޓުތައް ވެސް ހަދައި ނިންމާނަން
    • އެޑްވެންޗާ ޓޫރިޒަމް ތައާރަފްކޮށް މަސްވެރިކަން ފުޅާކުރާނަން
    • ޑޮލަރު ރޭޓު 15.42 ރުފިޔާ އަށް ތިރިކުރާނަން
    • މީރާގެ ގަވަނަންސް ހަރުދަނާކޮށް، ޓެކުހަށް ފިލައިގެން އުޅޭ މީހުން ހޯދާނަން