މިހާރު ގިނަ މަޝްރޫއުތަކެއް އޮތީ ހުއްޓިފައި ކަމަށާއި އެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ތ. ހިރިލަންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ، ތަރައްގީ އަކީ ކުރީގެ ރައީސް ޔާމީން ދަސްކޮށްދެއްވާފައި އޮތް ކަމެއް ކަމަށާއި ތަރައްގީ ރައްޔިތުންނަށް އެކަން ޔަގީން ވެގެންދާނެ ކަމަށެވެ.

މި ސަރުކާރުން ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތައް ހިމެނޭހެން އެއްވެސް މަޝްރޫއެއް ހުއްޓާނުލައި، އޭނާގެ ވެރިކަމެއްގައި އެ މަޝްރޫއުތައް ރައްޔިތުންގެ ހިޔާލާއެކު މާ ރަނގަޅަށް ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި މުޅި ރާއްޖޭގެ ތަރައްގީއަށް ބޮޑު ޑިވޮލޮޕްމަންޓް ޕްލޭނެއް ހެދުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހިއްކެން ހުރި ފަޅުތައް ބަލައި ދިރާސާއެއް ކޮށް ކެބިނެޓަށް ގެންގޮސް ކުރިން ފާސްކުރި ކަމަށެވެ.

އެގޮތުން ހިރިލަންދޫގެ ފަޅަކީ ވަރަށް ބޮޑު ފަޅެއްކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، މިހާރު އެރަށު ފަޅުން ހިއްކަމުންދާ 25 ހެކްޓަރަކީ ވަރަށް ކުރު ރާސްތާގެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މުޅި ރާއްޖޭގެ ތަރައްގީއަށް ބޮޑު ޑިވޮލޮޕްމަންޓް ޕްލޭނެއް ހެދުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހިއްކެން ހުރި ފަޅުތައް ބަލައި ދިރާސާއެއް ކޮށް ކެބިނެޓަށް ގެންގޮސް ފާސްކުރިން. އެއީ ދުރުރާސްތާއަށް ވިސްނައިގެން، މިކިޔަނީ ވަރަށް ގިނަ އަހަރުތަކަށް ވިސްނައިގެން ބިން އިތުރުކުރަންޏާމު ކޮބައިތޯ އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ސަރަހައްދުތަކަކީ
މުއިއްޒު

ފަށާފައި ހުރި ޕްރޮޖެޓެއް ހުއްޓާނުލައްވާނެ ކަމަށް މުއިއްޒު ވިދާޅުވާ އިރު ހިނގަމުންދާ ސަރުކާރުގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަމުން ގެންދަވަނީ މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ މަޝްރޫއުތައް ނުހިނގާނެ ކަމަށާއި ހުއްޓާލާނެ ކަމަށެވެ.