ޖުމްހޫރީ ޕާޓީއަކީ އަދިވެސް ހިނގަމުން ދާ ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލިޝަން ޕާޓުނަރެކެވެ. ބޮޑު ޕަސެންޓެއް ނަގައިގެން ކޯލިޝަންގައި ދެމި ތިބެ އެ ޕާޓީގެ މެންބަރުން، ހާއްސަކޮށް ޕާޓީގެ ލީޑަޝިޕުން މި ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ.
ރޭ، ކެންޑިޑޭޓުންގެ ރިޔާސީ ބަހުސްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވަނީ، "މި ސަރުކާރުން ބޮޑުތަނުން ގާނޫނު އަސާސީއާ ހިލާފުވެފައި ވާކަން އަޅުގަނޑުމެން ގަބޫލު ކުރާތީ އަޅުގަނޑު މިގޮތަށް ނިކުމެ މިމަސައްކަތް މި ކުރަނީ" ކަމަށެވެ.
ރޭގެ ޕޯޑިއަމްގެ އިތުރުންވެސް އެކިއެކި ރަށްރަށަށް ވަޑައިގެންވެސް ގާސިމް ދައްކަވަނީ ހަމަ އެ ޒާތުވާހަކައެވެ. ރައީސް ސޯލިހުގެ ނާގާބިލުކަމާއި ގާނޫނު އަސާސީއާ ހިލާފުވެވަޑައިގެންފައި ވާހަކައެވެ.
އެ ހުރިހާ ހަމަލާއެއް ގާސިމު، ސަރުކާރާއި ރައީސް ސޯލިހަށް އަމާޒު ކުރައްވާ އިރު، ފަހަތުގައި އަތް ޖައްސަވަން އިންނަވަނީ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރެވެ. މަސް ބާނަން އުޅުއްވަނީ ފިޝަރީޒް މިނިސްޓަރެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ހުސައިން ރަޝީދު ކެބިނެޓުގައި ބައިތިއްބައިގެން 'ވެރިޔާ' ނިކުންނަވާ މި ދައްކަވާ ވާހަކަ އަކީ، މީހަކު ޕާލަރަށް ވަދެ އެތާ ކުރާ ބޭއަދަބީ ކަންކަން ގޯސްވެގެން 'ހާދަ ގޯހޭ ހާދަ ގޯހޭ' ކިޔައި އެތަނުން ނުނިކުމެ އިންނަ މީހަކާ ކޮން ތަފާތެއް ހުރި ވަހަކައެއް ހެއްޔެވެ؟
ސަރުކާރު ކަމަކު ނުދެއެވެ. ގާނޫނާވެސް ހިލާފެވެ. ސްޓެލްކޯއާއި މެޓަލްކޯއާއި އެނޫންވެސް ކޯތައް ހަދާވާހަކަ އާއި ދޭން ނުޖެހޭ އެތައް ބަޔަކަށް ވަޒީފާތައް ދީގެން ކޮރަޕްޝަނާ އިފަސާދަ ހިންގާ ވާހަކައެވެ. އެއީ ގާސިމު ސަރުކާރާ މެދު ދެކެވަޑައިގަންނަވާ ގޮތް ކަމަށް ވާއިރު، ގާނޫނު އަސާސީއާ ހިލަފުވާ ބައެއްގެ ތެރޭގައި [ސައުކާރުގައި] އަންބިކަނބަލުންނާއި ހުސައިން ބަހައްޓައިގެން ހުންނެވުމުން ސަރުކާރުގެ ބޮލުގައި އެޅޭ ކޮންމެ ހުތުރެއް އެބޭފުޅުންގެ ބޮލުގައި ވެސް އެޅޭނެތާއެވެ.
ދެން މުޅިންވެސް ދައްކަވަނީ އެކި ވެރިކަމުގައި ގާސިމަށް ލިބިވަޑައިގެންނެވި އަނިޔާ އާއި ފެޅި ކޭކު ފޮތިން ލިބެން ވީ ބައި ހަމައަށް ނުލިބިގެން ކުރައްވާ ޝަކުވާތަކުގެ ވާހަކައެވެ. އެއާއެކު ސަރުކާރުގެ ސިޔާސަތުތައް އެންމެނަށް ހަމަހަމަ ނޫން ކަމަށާއި ވޯޓާ ދިމާކޮށް އެތައްހާސް ވަފީއެއް އުފައްދާ 'އަޅާލަނީ' ކަމަށް ވެސް ވިދާޅުވެއެވެ.
ގާސިމް އެވާހަކަތައް ދައްކަވާއިރު ކުޑަ ވަގުތުކޮޅަކަށް ވެސް އޭނާ ހުންނެވީ ކޯލިޝަންގައިކަން ހަނދުމަނެތީހެންވެސް ހީވެއެވެ. އެ ވިދާޅުވާ، ވަޒީފާތަކާއި އެކި ހިދުމަތްތައް ސަރުކާރުގެ ތެރެއިން ދިނުމާއި ޑޮމެއިން ވިއްކުމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އެކިއެކި ފަސޭހަތައް އެކި ރަށްރަށަށް ދިނުމުގައި އަނބިކަނބަލުން ނަހުލާ އާއި ހުސައިންވެސް އެ ކުރައްވަނީ އެކަންތާއެވެ.
އަނެއްކާވެސް އެ މިސާލު ޕާލަރާ ގުުޅުވާނަމަ، މަސާޖު ބެޑްގައި އޮންނަ މީހާގެ ގައި މޮޑެމުން ދާއިރު "ހާދަ އަރާމޭ ހާދަ އަރާމޭ" ކިޔަން ބެޑުގައި އޮންނަ ގޮތަށް ސަރުކާރު ގޯހޭ ސަރުކާރު ގޯހޭ ވިދާޅުވެ ވިދާޅުވެ އޭނާ އެ ހުންނަވަނީ ސަރުކާރުގައެވެ.
ގޮތެއް ހުރިއްޔާ ޖޭޕީ އެއްކޮށް ސަރުކާރުން ނެރެ ނިކަން ދައްކާލަބަލާށެވެ. ބައި އަަޅައިގެން ތިބެ ގުދޯ ގުދޯ ގޮވުމަށް ވުރެ އެގޮތް ތަހުޒީރު ވާނެއެވެ.