އެލައިޑް އިންޝުއަރެންސުން އިންތިޒާމު ކޮށްގެން ކުޑަކުދިންނަށް ހާއްސަކޮށްގެން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "އެލައިޑް ފެސްޓް" މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

އެލައިޑުން ބުނީ އެ ފެސްޓިވަން މިއަދު ނުބޭއްވުނު ނަމަވެސް ފަހުގެ ތާރިހެއްގައި ބޭއްވުމަށް ނިންމާފައި ވާ ކަމަށާއި އެލައިޑުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވާއިރު ފެސްޓް ބާއްވާނެ ތާރިހަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިއަދު ބާއްވަން އިންތިޒާމް ކުރި ފެސްޓިވަލުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ކުރިޔަށް ގެންދިއުމަށް އޮތީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ފިޝިން، ބީން ބޭގް ޓޮސް، ސްނޭކް އެންޑް ލެޑާ، ޓުވިސްޓާ، އަދި ކުރެހުމާއި ކުލަޖެއްސުމަށް ޝައުގުވެރިވާ ކުދިންނަށް އާރްޓް ކޯނާ އެއް ވެސް ހިމެނެއެވެ.

މީގެ އިތުރުން މި ފެސްޓިވަލުގައި ބެލެނިވެރިންނަށް އަމާޒުކޮށްގެން ދިރިއުޅުމާއި އާއިލާއާ ބެހޭ މައުލޫމާތު ސެޝަންތަކެއް ވެސް ކުރިއަށް ގެންދަން އޮތީ ނިންމާފައެވެ. މި ފެސްޓިވަލުގެ ތެރެއިން ހާއްސަ ލަކީޑްރޯއެއް ނެގުމާއި އެ ލަކީޑްރާއިން ގުރުއަތުން ނެގޭ ތިން ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދޭގޮތަށްވެސް ހަމަޖައްސާފައި އޮތެވެ.

މިއީ އެލައިޑުން "އެލައިޑް ފެސްޓް" ބާއްވާ ދެވަނަ އަހަރެވެ. މީގެ ކުރީ އަހަރުގައި ބޭއްވި "އެލައިޑް ފެސްޓް" އަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.