އެެމެރިކާގެ އޮހިއޯގެ ފިހާރައަކުން ވައްކަން ކޮށްގެން ނުކުމެ ކާރުގައި އިން ކަމަށް ތުހުމަތު ކޮށް މާބަނޑު އަންހެނަކާ ސުވާލު ކުރުމަށް ފަހު އޭނާގެ ގަޔަށް ބަޑިޖަހަ މަރާލަައިފިއެވެ.
އޮހިއޯގެ ބްލެންޑަން ތައުންޝިޕްގައި ހިނގި މިހާދިސާގައި އަންހެން މީހާ ކާރުގައި އިންދާ ފުލުހުންގެ ދެމީހަކު ކާރާ ކައިރިވެއެވެ. އެކަކު ހުންނަނީ ކާރުގެ ކުރިމަތީގައެވެ. ދެވަނަ މީހާ ކާރާ ކައިރިވެ އަންހެން މީހާއާ ސުވާލުކުރެއެވެ.
ބަޑިޖެހި ފުލުސް އޮފިސަރުގެ ބޮޑީވޯން ކެމެރާއިން މަންޒަރުތައް ރެކޯޑުވެފައި ވާ އިރު، ކާރުން ނުކުތުމަށް ފުލުސް އޮފިސަރު އަންހެން މީހާ ގާތުގައި ތަކުރާރުކޮށް ބުނާތަން ފެނެއެވެ. އޭގެ ޖަވާބުގައި އަންހެން މީހާ ބުނަނީ 'ފޯ ވަޓް، އައިމް ނޮޓް ގޮއިންޓު ޑޫ ދެޓް' [ކީއްކުރަން، އަހަރެން ނުނިކުންނާނަން' އެވެ.
އެއިރު ކާރުގެ ކުރިމަތީގައި ހުރި އޮފިސަރު ކާރުގެ ބޮނެޓުގައި އެއް އަތް އަޅައިގެން އަނެއް އަތުން ފިސްތޯލަ ހިފައިގެން ހުރެ އޭނާ ވެސް ސުވާލު ކުރަމުން ދިޔައެވެ.
"އާ ޔޫ ގޮއިންޓް ޝޫޓް މީ؟" [ކަލޭ ތިއުޅެނީ އަހަރެންގެ ގަޔަށް ބަޑިޖަހަންތް؟] އޭނާ ބުނެއެވެ.
އެއާއެކު ކާރުގެ ކުރިމަތީގައި ހުރި އޮފިސަރު އޭނާގެ ގަޔަށް ބަޑިޖަހައެވެ. އެވަގުތަކީ އަންހެން މީހާ ކާރު ދުއްވާލަން ރޭސް ދިން ވަގުތު ކަމުން ކާރު ކޮންޓްރޯލް ނުވެ ގޮސް އެރީ ފިހާރައިގެ ފާހަރަށެވެ.
އޮފިސަރުން އޭނާ ކާރުން ނެރެ އަވަސް ފަރުވާ ދޭން މަސައްކަތް ކުރި ނަމަވެސް ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. އެ ހާދިސާގައި އުމުރުން 21 އަހަރުގެ ޓަކިއާ ޔަންގް މަރުވި އިރު ނުއުފަންނަ ދަރިފުޅުވެސް މަރުވިއެވެ.
ދެކުދިންގެ މަންމަ ޓަކިއާ އަކީ އެމެރިކާގެ ކަޅު ނަސްލަސް ނިސްބަތްވާ އަންހެނެއް ކަމަށް ވާއިރު، އެމެރިކާގައި އޮންނަ ނަސްލީ ތަފާތުކުރުން ތަކުގެ ތެރެއިން މިފަދަ ކިތަންމެ ހާދިސާތަކެއް ހިނގައެވެ.
މި ދެ އޮފިސަރުން އިދާރީ ބަންދަކަށް ފޮނުވާލި ނަމަވެސް ބަޑިޖެހި އޮފިސަރު ފިޔަވައި ދެވަނަ މީހާ މިހާރުވަނީ ޑިއުޓީއަށް އަލުން ނެރެފައެވެ.
މި މައްސަލަގައި ޖިނާއީ ތަހުގީގެއް ފަށާފައި ވާ އިރު ޔަންގް ގެ އާއިލާއިން ބުނެފައި ވަނީ އެއީ ރެކިނުގަނެވޭނެ ޖިނާއީ މައްސަލައެކެވެ.