ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރުގެ މޫނިމާ ހިނގުމާއި ލޮނުޒިޔާރަތްމަގާއި ބުރުޒުމަގާއި ކަލާފާނު ހިނގުމާއި އިރުދޭމާ ހިނގުން އަދި ރަތްވިލާ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 2 އިން ހަވީރު 4 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކަރަންޓު ވިއުގައިގެ މަސައްކަތްތައް ސްޓެލްކޯއިން ކުރަމުންގެންދާތާ ދުވަސްކޮޅެއްވެފައިވާއިރު އެ މަސައްކަތަށް ކަރަންޓް ކެނޑިދާނެ ސަރަހައްދުތައް ކުރިއާލާ އެ ކުންފުނިން އަންނަނީ އިއުލާނުކުރަމުންނެވެ.

އާންމުގޮތެއްގައި އެ މަސައްކަތަށް ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯއިން އިއުލާނު ކުރަނީ ދެ ގަޑިއިރެއްހާއިރަށެވެ.

މީގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކުންވެސް އެ މަސައްކަތަށް ކަރަންޓް ކަނޑާލާފައިވާއިރު މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ހަމަ މި މަސައްކަތަށް މީގެ ކުރިން ވަނީ ކަރަންޓް ކަނޑާލާފައެވެ.

ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.