މަޝްހޫރު ބޯއި ބޭންޑް "ވަން ޑިރެކްޝަން" އިން އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ހޯދި ލަވަކިޔުންތެރިޔާ ލިއަމް ޕޭން އޭނާގެ ކުރިއަށް އޮތް ޓުއާ ކެންސަލްކޮށްފިއެވެ.
ސީރިއަސް ކިޑްނީ އިންފެކްޝަނެއް މިވަގުތު ތަހައްމަލުކުރަމުން އަންނަ ލިއަމް ބުނީ އިންފެކްޝަންގެ ސަބަބުން މީހާ އެއްކޮށް ބަލިކަށިވެއްޖެ ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން މި ކަމަށް އެޑްމިޓްކޮށްގެން ފަރުވާ ހޯދި ކަމަށެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން އެނބުރި ރިހާސަލްވެސް ފެށި ކަމަށާއި ނަމަވެސް ޑަކްޓަރުންގެ ލަފައާއެކު ޓުއާ ކެންސަލް ކުރީ ކަމަށެވެ. މިވަގުތު އެންމެ އިސްކަމެއް ދޭން ބޭނުންވަނީ ސިއްހަތަށް ކަމަށާއި ފަހުން ޓުއާ ފަށާނެ ތާރީހެއް އިއުލާންކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ޓިކެޓް ގަތް ހުރިހާ އެންމެންނަށް ރިފަންޑްވެސް ލިބޭނެ ކަމަށް ލަވަކިޔުންތެރިޔާ ބުންޏެވެ.
ލިއަމް އޭނާގެ ޓުއާ ކެންސަލްކޮށްފައިވާއިރު "ވަން ޑިރެކްޝަން" އިން އުފެދުނު ލަވަކިޔުންތެރިޔާ ނައިލް ހޯރަން އަންނަނީ އޭނާގެ ކުރިއަށް އޮތް ޓުއާ ބޭއްވުމަށް މަސައްކަތްކުރަމުންނެވެ. އަންނަ ފެބްރުއަރީ މަހު މި ޓުއާ ފެށުމަށް ހަމަޖެހިފައިވާއިރު ޓުއާގެ ގިނަ ޓިކެޓްތަކެއް ވަނީ މިހާރު ވިކި ހުސްވެފައެވެ. 2010 ވަނަ އަހަރު އުފެދުނު މި ބޭންޑުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލީ 2015 ވަނަ އަހަރު އެނބުރި އަންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ފަހުން މިހާރު އަށް އަހަރު ފާއިތުވެގެން ދިޔައިރު މި ބޭންޑް އައިސްފައެއްނުވެއެވެ. ނަމަވެސް ބޭންޑުގެ ހުރިހާ މެންބަރުން މިހާރު ސޯލޯ ކެރިއަރު ފަށާ، އަމިއްލަ މިއުޒިކް ފުޅާ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޒުވާނުންގެ މެދުގައި މަޝްހޫރުވެގެންދިޔަ މި ބޭންޑުގެ މެންބަރުންނަކީ ހެރީ ސްޓައިލްސް، ލުއީ ޓޮމްލިންސަން، ނައިލް ހޯރަން، ޒޭން މާލިކް އަދި ލިއޭމް ޕޭން އެވެ. ލަވަކިޔުންތެރިޔާ ޒޭން ވަނީ މި ބޭންޑު ބްރޭކަކަށް ދިޔުމުގެ ކުރިން ބޭންޑުން އަމިއްލައަށް ވަކިވެފައެވެ.