ޗައިނާގެ ސަރަހައްދު ފެންނަ އާ ޗާޓުގެ މައްސަލައިގައި އިންޑިއާއިން ރުޅިގަދަވެފައި ވަނިކޮށް މެލޭޝިއާއިން ވެސް ދެކޮޅުހަދައިފިއެވެ.
ޗައިނާ ދެކުނުން މެލޭޝިއާގެ ބޯނިއޯ އައިލޭންޑްސް ހިމެނޭ ކަނޑުގެ ސަަރަހައްދަކީ ޗައިނާގެ އިހުތިސޯސްގައި ހިމެނޭ ބައެއްކަމަށް ނިންމާ އާންމު ކުރި އާ މެޕް ގަބޫލު ނުކުރާނެ ކަމަށް ބުނެ މެލޭޝިއާއިން ބުނެފައި ވަނީ ޗައިނާއިން ރޮނގު ދެމި ހިސާބަށް މެލޭޝިއާގެ ސްޓޭޓްތައް ކަމަށް ކަނޑައަޅާފައި ވާ ސަބާހް އާއި ސަރަވަކުގެ ސަރަހައްދަށް ވެސް ވަންނަ ކަމަށެވެ.
އެހެން ކަމުން މެލޭޝިއާގެ މެރިޓައިމް ބައުންޑަރީއަށް ވަންނަ ގޮތަށް ކުރަހާފައި އޮތް ޗާޓް ގަބޫލު ނުކުރާނެ ކަމަށާއި އެއަށް އަމަލުވެސް ނުކުރާނެ ކަމަށެވެ.
ޗައިނާ އާއި މެލޭޝިއާ ބައްދަލުވާ ސަރަހައްދީ އިމަކީ މީގެ 4000 އަހަރު ކުރިން ވަކި ކޮށްފައި އޮންނަ ސަރަހައްދެކެވެ. އޭރުން ސުރެ އެ އިން ވަކިވެފައި އޮންނަނީ ދުލެއްގެ ބައްޓަމަށް އިން ކުރަހައިގެންނެވެ. މިހާރު ޗައިނާއިން މި ގެނައި ބަދަލުގައި ދެކުނު ޗައިނާ ކަނޑު އެއްކޮށް އަތްދަށު ލުމުގެ ވިސްނުން ގެންގުޅޭ ކަމަށް މުރާސިލުން ބުނެއެވެ.
ދެކުނު ޗައިނާ ކަނޑަށް ޗައިނާ އިން އަތްގަދަ ކޮށްގެން އުޅޭ އިރު އެއީ، ޗައިނާ، ޕިލިޕީންސް، ވިއެޓްނާމް، މެލޭޝިއާ، ޓައިވާން އަދި ބުރޫނާއީ އާ ވެސް ގުޅިފައި އޮންނަ ބޮޑު ކަނޑެކެވެ.
ދުނިޔޭގެ އެންމެ ބިޒީ ކަނޑުއޮޅީގެ ގޮތުގައި ބަލައި މިސަރަހައްދަށް ޗައިނާ އިން އަތްގަދަ ކޮށްފައި އޮތް މައްސަލަ އދ އިން ވެސް އޮންނަނީ ކުށްވެރި ކޮށްފައެވެ. ނަމަވެސް އެ އަޑެއް ޗައިނާ ނާހައެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ އިގުތިސޯދީ އަގަށް ބަލާއިރު، ބައިނަލްއަގުވާމީ ވިޔަފާރީގެ 5.3 ޓްރިލިއަން ޑޮލަރު ހުރަސް ކުރަނީ މި ސަރަހައްދުންނެވެ. އަދި މިއީ އެމެރިކާއާއި ޗައިނާއާ ދެމެދުވެސް ދިގުލާ ގޮސްފައިވާ ދެބަސްވުންތަކާ ގުޅިފައިވާ ސަރަހައްދެއްވެސް މެއެވެ.
ޗައިނާ އިން އިން ވަކިކޮށް އާ މެޕެއް ނެރުނު މައްސަލައިގައި މެލޭޝިއާއިން ކަންބޮޑުވުން ފާޅު ކުރި އިރު، ޗައިނާ އާއި އިންޑިއާ ގުޅޭ ހިމާލަޔާސް ސަރަހައްދުން ބައެއް ޗައިނާގެ ތެރެއަށް ވައްދާފައި އޮތް މައްސަލައިގައި އިންޑިއާއިން ވެސް ވަނީ ރުޅިގަދަވެފައެވެ.
ޗައިނާގެ އާ ޗާޓުގައި ހިމަނާފައި ވަނީ އިންޑިއާ އާ ބޯޑަރުން ހިއްސާ ވާ އަރޫނަޗަލް ޕްރަދޭޝް އާއި އަސްކައި ޗިން އަކީ ޗައިނާގެ ތަންތަން ކަމަށެވެ.
މި މައްސަލައިގައި އެންމެ ހަރުކަށި އިބާރާތުން އިހުތިޖާޖު ކުރަމުން އިންޑިއާއިން ބުނެފައި ވަނީ ޗައިނާއިން އަމިއްލަ ކުރަން ޗާޓުގައި ހިމެނި ތަންތަނަކީ އިންޑިއާގެ ތަންތަން ކަމަށެވެ. އެއާއެކު ނިއުދިއްލީން ބުނެފައި ވަނީ، ދެކޮޅު ހަދާ ކަމާއި އިހުތިޖާޖު ކުރާކަން ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ޗައިނާ އަށް ހުށަހަޅާފައި ވާ ކަމަށެވެ. އަދި ޗައިނާގެ ތަންތަން ކަމުގައި ޗާޓުގައި އެތަންތަން ހިމެނީ އެއްވެސް އަސާސެއްގެ މަތިން ނޫންކަމަށްވެސް ބުނެފައި ވެއެވެ. ޗައިނާގެ އެ އަމަލުގެ ސަބަބުން ބޯޑަރު ސަރަަހައްދުގައި މަޝްރަހު ނުތަނަވަސް ވާނެ ކަމަށް ވެސް އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން އަރިންދަމް ބާޗީ ވިދާޅުވިއެވެ.
ނިއުދިއްލީން ބުނީ، ޗައިނާއިން ޗާޓުގައި ހިމެނި އަރޫނަޗަލް ޕަރްދޭޝް އަކީ، ބިމުގެ މައްސަލައިގައި 1962 ގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރި ތަނެއް ކަމަށާއި އެއީ އިންޑިއާގެ ސްޓޭޓެއް ކަމަށެވެ. ނަމަވެސް ޗައިނާއިން ގަބޫލު ކުރަނީ އެއީ ޗައިނާގެ ޓިބެޓްގެ ބައެއް ކަމަށެވެ. އަސްކައި ޗިން އަކީ، ފަރުބަދަ މަތީގެ އުސް ހިސާބުގައި ޓިބެޓާއި ހުޅަނގު ޗައިނާ ގުޅޭ މަގު ހިމެނޭ ސަރަހައްދެވެ.
ޗައިނާ އިން ގަބޫލު ކުރަނީ އިރުމަތީ ހިމާލަޔާސް ގެ އަރޫނަޗަލް ޕްރަދޭޝް އަކީ ޓިބެޓްގެ ދެކުނާ ގުޅިފައި އޮންނަ ބައެއް ކަމަށެވެ. އެގޮތުން ހުސްވި އޭޕްރީލް މަހު ޗައިނާއިން އާންމު ކުރި ޗާޓެއްގައި އެ ސްޓޭޓްގެ 11 ސަރަހައްދެއް އެއީ ޓިބެޓުގެ ދެކުނު ބިތުގެ ޒާންގްނާން ގެ ބައެއް ކަމަށް ހަދާފައި ވެސް ވެއެވެ. އަސްކައި ޗިން ހިމެނޭ ސަރަހައްދަކީ އިންޑިއާގެ ތަނެއް ކަމަށް އެގައުމުން ބުނަމުން ދިޔަ ނަމަވެސް މިހާތަނަށް އެތަން ކޮންޓްރޯލް ކުރަމުން ގެންދަނީ ޗައިނާއިންނެވެ.
މި މައްސަލަ ހޫނުވެފައި ވާއިރު، ޗައިނާއިން އާންމު ކުރި އާ މެޗް ގަބޫލު ނުކުރާނެ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ސްބްރަމާނިއަމް ޖައިޝަންކަރު ވެސް ވަނީ ވިދާޅުވެފައެވެ.
ސަރަހައްދީ އިމުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާން އަރާރުންވާހެން އިންޑިއާ އާއި ޗައިނާވެސް އަރާރުންވާތާ ކިތަންމެ ދުވަހެކެވެ. ބައެއް ފަހަރު ކުރިމަތިލުންތައް ހިނގާފައި ވާއިރު 2020 ގެ ޖޫން މަހު ހިނގި ކުރިމަތިލުމެއްގައި ބޯޑަރު ސަރަހައްދުން އިންޑިއާ ފަޅިން 20 އަދި ޗައިނާ ފަޅިން 4 ސިފައިން މަރުވެފައި ވެސް ވެއެވެ.