ދިވެހި ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "ޖޯކަރު" ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.
ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަންސް ގުޅިގެން އުފައްދާފައިވާ މި ފިލްމުގެ ޓިކެޓް ވިއްކަން ފެށިތާ ކުޑައިރުކޮޅެއްތެރޭ ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ. މި ފިލްމަކީ ކޮމެޑީ ޖޯންރާ އަށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމު އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮލިމްޕަސް ސިނަމާއަށް އަންނައިރު މި ފިލްމުވެގެންދާނީ މިއަހަރު ސިނަމާގައި އަޅުވާ ފުރަތަމަ ކޮމެޑީ ފިލްމަށެވެ.
. ބޮޑު ކާސްޓަކާއެކު މި ފިލްމު ގެނެސްދޭއިރު ފިލްމުގައި ފިލްމީ ދާއިރާ އަށް އަލަށް ތައާރަފްވާ ތަރިންގެ އިތުރުން ފިލްމީ ދާއިރާގައި ތަޖުރިބާކާރު ތަރިންވެސް ހިމެނެއެވެ. "ޖޯކަރު" އިން ފެނިގެންދާނެ ތަރިންނަކީ އަހްމަދު ނިމާލު، ޝިލާ ނަޖީބް، އަލީ އާޒިމް (ދޮން އައްޔަ)، ނާޝިދާ މުހައްމަދު (ނާއްކޮ) އަހްމަދު ސަޢީދު، ހަމްދާން ފާރޫގު، އިބްރާހިމް ރަޝީދު މޫސާ (ބުރޯ)، މުހައްމަދު އީމާއު (ހަބޭސް އީމާއު)، ރިފްޝާން، އަލީފް އަދި ޝަހީދާ މުހައްމަދެވެ.
މާލެ އޭރިއާގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ޝިވާޒް އަބްދުﷲ (މާސްކޭ) ކެމެރާ ކޮށްފައިވާ ފިލްމެކެވެ. މިފަހަރު އެމީހުން ގެނެސްދޭ "ޖޯކަރު" ގެ ޓެގްލައިން އަކީ "ލާފް މޯ، ވޮރީ ލެސް" އެވެ. މި ފިލްމަކީ އިސްމާއިލް ޝަފީގު އަދި އަލީ ޝާނީޒް ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ.
މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަނީ އައިފިލްމްސް ގެ "ނީނާ" އެވެ. މި ފިލްމު އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ދައްކަން ވަނީ ނިންމާފައެވެ.