ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 5 ގެ ގއ. އަދި ގދ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީކޮށް ފައްޓަވައި ދެއްވައިފިއެވެ.

އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށް ވެސް އާރްޓީއެލް ފެރީ ހިދުމަތުން ގުޅާލުން ކަމަށެވެ. އެގޮތުން މިހާރު ތިލަދުންމަތި، ފާދިއްޕޮޅު، ހުވަދު އަތޮޅު، އައްޑޫ އަދި ފުވައްމުލައް ސިޓީގައި ފެރީގެ ހިދުމަތް ފެށިފައި ވާއިރު އެއީ 1 ލައްކައަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަހައްދު ކަމަށް އާޒިމް ވިދާޅުވިއެވެ.

އާރްޓީއެލްގެ ހިދުމަތް ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ކަމަށްވާ ހުވަދު އަތޮޅުގައި ޖުލައި 13 ވަނަ ދުވަހު ފަށާފައިވާއިރު ކަސްޓަމަރުންނަށް އެމްޓީސީސީގެ އެކަމަށް ހާއްސަ ކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ޓިކެޓް ލިބެން ހުންނާނެއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އާރްޓީއެލް ފެރީތަކުން ހިލޭ ދަތުރު ކުރެވޭނެއެވެ.

އާރްޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންނަށް އަރާމު ކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. އަދި އާރްޓީއެލް އުޅަނދުތަކުގެ ކައްޕިންނާ ފަޅުވެރިންނަކީ މި މަސައްކަތަށް ބޭނުންވާ ހާއްސަ ތަމްރީންތަށް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. އެއާއެކު މި އުޅަނދު ތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ވީލްޗެއާ ސްޕޭސްގެ އިތުރުން ސްޓްރެޗާ ސްޕޭސް ހުރެއެވެ.

ހުވަދު އަތޮޅުގެ ފެރީ ހިދުމަތް ހަފުތާއަކު ހަތް ދުވަހު، ބްރޭންޑްގެ 6 ސްޕީޑްފެރީ މެދުވެރިކޮށް 9 ރޫޓަކުން ލިބިގެންދާނެއެވެ. އާރްޓީއެލްގެ ފެރީ ހިދުމަތުގެ ޝެޑިއުލް އާރްޓީއެލްގެ ވެބްސައިޓު އަދި އާރްޓީއެލްގެ ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ. ހުވަދު އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލައް އާރްޓީއެލް ފެރީގެ ހިދުމަތުން މިމަހުގެ 18 ވަނަ ދުވަހު ވަނީ ގުޅާލާފައެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރެއްވީ ޖެނުއަރީ 17، 2021 ގައެވެ.