ގޯތި ލިބޭ ފަރާތަކީ ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއްނަމަ އެ ގޯތި ދޫކޮށްލުމަށް ކުރިން އޮތް 3 އަހަރުގެ މުއްދަތު 5 އަހަރަށް އިތުރު ކޮށްފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޯތި ލިބޭ ފަރާތަކީ ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއްނަމަ އެ ގޯތި ދޫކޮށްލުމަށް ކުރިން އޮތް މުއްދަތައް ސަރުކާރުން ބަދަލު ގެނެސްފައިވާ ކަމަށެވެ.
މިގޮތުން މިހާރު ހަމަޖައްސަވާފައި ވަނީ ސޮއިކުރާ ތާރީހުން ފެށިގެން 5 އަހަރު ތެރޭގައި ކުރިން ލިބިފައިވާ ގޯތި ދޫކޮށްލުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވަނީ އެއްބަސް ވުމަށް ބަދަލު ގެނެސް އާ އެއްބަސްވުން ޕޯޓަލް މެދުވެރިކޮށް ގޯތި ލިބުނު ފަރާތް ތަކަށް ފެންނާނެ ކަމަށެވެ.
މިހާރު ގޯތި ލިބޭ މީހުންގެ ތެރެއިން ގުރުއަތުން ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށް ބިން ކަނޑަމުން އަންނަ އިރު، ޖޮއިންޓް އެޕްލިކޭޝާން ހުށަހެޅި ބައެއް ފަރާތްތަކުން އަންނަނީ އެ ފޯމުން އުނިވާނަނަ ދެން ހުންނަ މީހާއަށް ނުވަތަ ތިބޭ މީހުންނަށް ރަޖިސްޓްރީ ކުރެވޭނެތޯ ސުވާލު އުފައްދަމުންނެވެ. މިކަމާ ގުޅިގެން 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަކްރަމް ވިދާޅުވީ، ގަވާއިދުގެ ތެރެއިން އެގޮތަށް ހަމަޖައްސައި ދެވޭނެ އުސޫލެއް ނެތް ކަމަށެވެ.
އެފަދަ އުސޫލެއް ނެތް ކަމަށް އަކްރަމް ވިދާޅުވި ނަމަވެސް ގޯތި ލިބޭ ފަރާތްތަކުން ސޮއި ކުރަމުންދާ އެގްރިމަންޓްގެ 12 ވަނަ މާއްދާގައި، ބަންޑާރަ ގޯތި ދޫކުރާ ފަރާތްތަކުގެ ތެރެއިން އެ ގޯތި ވިއްކާލާ ނަމަ ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލާ ނަމަ އެކަން ގޯތި ދޫކުރާ ފަރާތުން އާންމު ކުރާ ހާއްސަ އުސޫލަކުން ކުރެވިދާނެ ކަމަށް ބުނެއެވެ.
ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ވަނީ ނިންމާފައެވެ. އެއާއެކު ޖުމްލަ 9003 ގޯތި ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.