ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހުގެ 24 ވަނަ ދުވަހު ފަށާފައި ވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދަނީ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 610 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، 220 މީޓަރުގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 17.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިދިޔަ އަހަރު ފެބްރުއަރީ މަހު އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއު ހަވާލު ކޮށްފައި ވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަ އެމްޓީސީސީ އިކީ ރާއްޖޭގެ އުމްްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.