ޖުޑީޝަރީއަށް ރަނގަޅު އިސްލާހުތަކެއް ގެނެވިފައިވާކަން ގަބޫލުފުޅު ކުރައްވާ ކަމަަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ވިދާޅުވީ ޖުޑިޝަރީއަށް އިސްލާހުތަކެއް ގެނެވިފައިވާ ކަމަށާއި ސްޕްރީމް ކޯޓަކީ ވެސް، ކުރިޔަށް ވުރެ ބޮޑަށް ރައްޔިތުން އިތުބާރު ކުރާ ތަނަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. އަދި ހައިކޯޓު ހިމެނެހޭން އެހެން މަރުހަލާތަކުގެ ކޯޓުތަކަށް ވެސް، ބަދަލު ގެނެވިފައި ވާއިރު އަދިވެސް އެ ދާއިރާގައި އިސްލާހު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ ދެ ތިން އަހަރު ވަރަށް ބޮޑު ބަދަލުތަކެއް ކޯޓުތަކުގެ މަރުހަލާއަށް އައި ނަމަވެސް ރައީސް ސޯލިހް ބޭނުންފުޅުވެ ވަޑައިގެންވި ސްޕީޑްގައި އެކިއެކި ނުފޫޒާ ހެދި އެކަން ކުރިޔަށް ނުގެންދެވުނު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެހެން ނަމަވެސް ޖުޑިޝަރީ އިސްލާހު ކުރުމަކީ ހުއްޓާލައްވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ވައުދުވެވަޑައިގެންނެވި ގޮތަށް ޖުޑީޝަރީ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ. އެގޮތުން އެކަމުގައި ރައްޔިތުންނާއި ގާނޫނީ ވަކީލުން އަދި އެކަމާ ގުޅުން ހުރި ފަރާތްތަކުގެ ލަފާގެ މަތިން މަޖިލިސް ލޮކްޑައުން އަކަށް ދިޔުމުގެ ކުރިން ޖުޑީޝަރީ އަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައި ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުޑީޝަރީއަށް ބަދަލުތަކެއް ގެނައުމުގައި ދަތިތަކެއް ހުރިނަމަވެސް ޝަރުއީ ދާއިރާއަށް ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާ ކަމަށާއި އެބަދަލުތައް ގެނެވެނީ ވަކި މަރުހަލާތަކަކަށް ފަހުގައި ކަމުން އެ ބަދަލުތައް ގެނައުން މާ ލަސްވިކަމަށް ގަބޫލުފުޅު ނުކުރައްވާ ރައީސް ވިދާޅުވިއެވެ.