ހިތްގައިމު އަޑުގެ ވެރިޔާ އަރްމާން މާލިކް 28، އެންގޭޖް ވެއްޖެއެވެ.

ބޮލީވުޑްގެ ހިތްގައިމު ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ އަރްމާން އެންގޭޖްވީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ އަޝާނާ ޝްރޮފް އާއެވެ. ސޯޝަލް މީޑިއާ އިންފްލުއެންސާ އަޝާނާ އާއި އަރްމާން އެންގޭޖްވި ފޮޓޯތައް ދެމީހުންގެ އިންސްޓަގްރާމުގައި ވެސް ވަނީ ހިއްސާކޮށްފައެވެ. ފޮޓޯތައް ހިއްސާކުރަމުން ލަވަކިޔުންތެރިޔާ ބުނީ އުމުރަށް އެކީ އުޅެން ތައްޔާރު ކަމަށާއި އެކަމުގެ ތައްޔާރީތައް ފެށުނީ ކަމަށެވެ.

2017 ވަނަ އަހަރު އަރްމާން އާއި އަޝާނާ ލޯބީގެ ގޮތުން ގުޅުނު ނަމަވެސް ދެމީހުން ވަނީ ކުޑަ ބްރޭކެއް ނަގާފައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ދެމީހުން އަލުން ގުޅުނުއިރު އޭގެ ފަހުން ދެމީހުންވެސް އުޅުނީ ވަރަށް ސީރިއަސްކޮށެވެ. އަރްމާން އާއި އަޝާނާ އެންގޭޖްވި ނަމަވެސް ކައިވެނިކުރާނެ ވަކި ތާރީހެއް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި ދެމީހުން އަންނަ އަހަރު ކައިވެނިކުރާނެއެވެ.

މިއުޒިކްގެ ދާއިރާއިން ގިނަ އެވޯޑުތަކެއް އަރްމާން ހޯދާފައިވާއިރު އޭނާ ކިޔާފައިވާ ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި "ވަޖާ ތުމް ހޯ"، "ބޯލް ދޯ ނާ ޒަރާ" އަދި "ސަބް ތެރާ" ހިމެނެއެވެ. ލަވަކިޔުންތެރިޔާ އަރްމާން ވަނީ މީގެ ކުރިން ރާއްޖެ އައިސް ރާއްޖޭގައި ވެސް އޭނާގެ ޝޯއެއް ބާއްވާފައެވެ. 2016 ވަނަ އަހަރު ބޭއްވި ސަނީ ސައިޑް މިޔުޒިކް ފެސްޓިވަލުގައި ބައިވެރިވުމަށް އަރްމާން ރާއްޖެ އައިއިރު އޭނާގެ ހުށައެޅުން ބަލަން ގިނަ ބަޔަކު އެތަނަށް ޖަމާވިއެވެ.