އެއްގަމު އުޅަނދުގައި ރަޖިސްޓަރީ ނަމްބަރުގެ ބަދަލުގައި ވަކި ނަންބަރެއް ނުވަތަ ނަމެއް ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަމުންދާ ޑޮމެއިންއާ ގުޅުން ހުރި ހުރިހާ މުއާމަލާތްތަކެއް ހުއްޓާލުމަށް ރައީސް އޮފީހުން އެ މިނިސްޓްރީއަށް އަންގައިފިއެވެ.

ޑޮމެއިން ވިއްކުން މަނާކޮށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް މި މަހުގެ 27 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު ސިޓީގައި ބުނެފައި ވަނީ މިނިސްޓްރީން ޑޮމެއިން ވިއްކުމުގެ ކަންކަން ކުރަމުން ގެންދަނީ ގަވާއިދާ ހިލާފަށް ކަމަށް ވެއެވެ.

އެ ސިޓީގައި ބުނެފައިވަނީ ޑޮމެއިން ދޫކުރުމާއި ވިއްކުމާއި ބަދަލުކުރުމާއި އަގު ކަނޑައެޅުމާއި ބޭނުންކުރުމުގެ ހަމަތައް އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ޑޮމެއިން ވިއްކަންވާނީ ވިއްކުމުގެ ކުރިން އާންމުކޮށް އިއުލާނުކޮށް، އެންމެ މަތިން އަގު ހުށަހަޅާ ފަރާތަކަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި ހަމަ އެ ގަވާއިދުގެ 6 ވަނަ މާއްދާގައި ޑޮމެއިން ވިއްކުމާ ގުޅޭ މައްސަލަ ހައްލު ކުރުމަށް ކޮމިޓީއެއް ކަނޑައަޅާފައި އޮންނަން ވާނެ ކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށް ސިޓީއާ ހަވާލާދީ ބުނެފައި ވެއެވެ.

"ނަމަވެސް މި ގަވައިދުގައި ބަޔާންކުރާ ކޮމިޓީ ތިޔަ މިނިސްޓްރީން އެކުލަވާލާފައިވާ ކަމަށް ނުފެންނާތީ އާއި ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ފަދައަކުން، ހަވާލާ ދެވުނު ގަވައިދުގެ އިސްވެ ބަޔާންކުރެވުނު މާއްދާތަކާ ހިލާފަށް ޑޮމެއިން ވިއްކުމުގެ ކަންކަން ގެންދަވާ ކަމަށް މި އޮފީހަށް ވަނީ ފާހަގަކުރެވިފަ އެވެ،" ރައީސް އޮފީހުގެ ސިޓީގައި ވެއެވެ.

އަދި ހަމައެހެންމެ މި ދައުރުގެ ތެރޭގައި މިހާތަނަށް ހިދުމަތް ދެވިފައިވާ ޑޮމެއިންތަކާ ގުޅޭ ތަފްސީލުތަކާއި ޑޮމެއިން ވިއްކުމާ ގުޅޭ ގޮތުން މިނިސްޓްރީން އަމަލުކުރަމުން ގެންދާ އުސޫލުގެ އިތުރުން ޑޮމެއިން ވިއްކުމާ ގުޅޭ ކަންކަން ގަވައިދާ އެއްގޮތަށް ނުހިނގާ ސަބަބު އެންމެ އަވަހަކަށް ރައީސް އޮފީހަށް އަންގާދިނުމަށް އެ ސިޓީގައި ބުނެފައި ވެއެވެ.

އަދި ޑޮމެއިން ވިއްކަމުންދާ ގޮތުގެ ތަފްސީލް ހާމަކޮށްދިނުމަށާއި ވަކި ގޮތެއް އަންގަންދެން ޑޮމެއިންއާ ގުޅުންހުރި އެެއްވެސް މުއާމަލާތެއް ނުކުރުމަށްވެސް އެ މިނިސްޓްރާީއަށް ވަނީ ރައީސް އޮފީހުން އަންގާފައެެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސިޓީގެ ސައްހަ ކަމާމެދު ރައީސް އޮފީހުން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

ގަވައިދާ ހިލާފަށް ޓްރާންސްޕޯޓް މިނިސްޓްރީން އުޅަނދުތަކެއް ރަޖިސްޓްރީކޮށްދިން މައްސަލައެއް މިދިޔަ އަހަރު ފެންމަތިވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެ މައްސަލަ ތަހުގީގު ވެސް ކޮށްފައެވެ. އަދި އެ މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅާފައިވާއިރު ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ވަނީ އެ މައްސަލައާ ގުޅިގެން ސަސްޕެންޑް ކޮށްފައެވެ.