ޖޮއިންޓް އެޕްލިކަންޓުންގެ ގޮތުގައި ބިންވެރިޔާ ސްކީމުން ގޯތި ލިބޭ މީހުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު އުނިކޮށް އެކަކު ނުވަތަ ދެން ތިބޭ މީހުންގެ މައްޗަށް ބަދަލު ކުރުމަށް ގަވާއިދުގެ ތެރެއިން ހަމަޖެހެން ނެތް ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމުން މާލެއިން ބަންޑާރަ ގޯތި ދޫކުރަން އިއުލާން ކުރި އިރު، އެކަކަށް ވުރެ ގިނަ މީހުންނަށް ޖޮއިން ވެގެން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިކޮށް ދީފައެވެ. އެކަކު ހުށަހަޅާ ނަމަ 1250 އަކަފޫޓުގެ ގޯއްޗެއް ލިބޭ އިރު، ފޯމަކަށް ޖޮއިންޓްވެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓް އިތުރުވާ ގޮތަށް ހުޅުވާލި ބިންވެރިޔާ ސްކީމްގައި ޖޮއިންޓް އެޕްލިކަންޓުންގެ ގޮތުގައި ގިނަ ފޯމްތަކެއް ވަނީ ހުށަހަޅާފައެވެ.

އެގޮތުން ގޯތީގެ ވަގުތީ ލިސްޓް އިއުލާން ކުރި އިރު ގޯތީގެ ޝަރުތުހަމަވި ނަމަވެސް ބައެއް ފަރާތްތަކަށް ވަނީ ގޯތި ލިބޭ އާއިލާގެ އެހެން ފަރާތަކާ ގުޅިގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިފި ނަމަ ގޯތި ލިބޭނެ ކަމަށް ބުނެފައެވެ. އެހެންކަމުން ވަގުތީ ލިސްޓް އާންމު ކުރި ފަހުން ގިނަ ބަޔަކު ވަނީ ޖޮއިންޓް ވެގެން ފޯމް އަލުން ހުށަހަޅާފައެވެ.

މިހާރު ގޯތި ލިބޭ މީހުންގެ ތެރެއިން ގުރުއަތުން ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށް ބިން ކަނޑަމުން އަންނަ އިރު، ޖޮއިންޓް އެޕްލިކޭޝާން ހުށަހެޅި ބައެއް ފަރާތްތަކުން އަންނަނީ އެ ފޯމުން އުނިވާނަނަ ދެން ހުންނަ މީހާއަށް ނުވަތަ ތިބޭ މީހުންނަށް ރަޖިސްޓްރީ ކުރެވޭނެތޯ ސުވާލު އުފައްދަމުންނެވެ. މިކަމާ ގުޅިގެން 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަކްރަމް ވިދާޅުވީ، ގަވާއިދުގެ ތެރެއިން އެގޮތަށް ހަމަޖައްސައި ދެވޭނެ އުސޫލެއް ނެތް ކަމަށެވެ.

އެފަދަ އުސޫލެއް ނެތް ކަމަށް އަކްރަމް ވިދާޅުވި ނަމަވެސް ގޯތި ލިބޭ ފަރާތްތަކުން ސޮއި ކުރަމުންދާ އެގްރިމަންޓްގެ 12 ވަނަ މާއްދާގައި، ބަންޑާރަ ގޯތި ދޫކުރާ ފަރާތްތަކުގެ ތެރެއިން އެ ގޯތި ވިއްކާލާ ނަމަ ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލާ ނަމަ އެކަން ގޯތި ދޫކުރާ ފަރާތުން އާންމު ކުރާ ހާއްސަ އުސޫލަކުން ކުރެވިދާނެ ކަމަށް ބުނެއެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ވަނީ ނިންމާފައެވެ. އެއާއެކު ޖުމްލަ 9003 ގޯތި ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.