މިރޭ މާލޭގައި ހަވާ އަރުވަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިރޭ އޮންނަ އިވެންޓެއްގައި މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށާއި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާލޭގެ ހުޅަނގު ދެކުނު ކަންމަތި ވެމްކޯ ސައިޓްގެ ބޭރުންނެވެ.

މިރޭ 22:45 ހާއިރު ގާތް ގަނޑަކަށް 3 މިނެޓެއް ހާއިރަށް ހަވާއެރުވާނެއެވެ. މީގެ ކުރިން ވެސް އެމްއެންޑީއެފް އިން ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް ވަނީ ހަވާ އަރުވައިދީފައެވެ.

އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެންނާއި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް ހަވާ އަރުވާފައި ވެއެވެ. އަދި އީދުތަކާ ދިމާކޮށް ރަށް ރަށަށް ގޮސްވެސް ވިޔަފާރި އުސޫލުން އެމްއެންޑީއެފްއިން ހަވާ އަރުވާދެއެވެ.

މިހާރު އާންމު ފަރާތްތަކުންވެސް އެކި މުނާސަބާތަކާ ގުޅިގެން ވިޔަފާރި އުސޫލުން ހަވާއަރުވާކަން ފާހަގަކޮށްލެވޭއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކިވަކިން ފަރުދުންނާއި، ކައުންސިލް، ކްލަބް ޖަމިއްޔާތަކަށް ހަވާ އަރުވާދެނީ މިނެޓަކަށް 1،000 ޑޮލަރަށެވެ.