އަންނަ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، ލިސްޓުތަކުގައި، ރޭ 10:00 އާ ހަމަޔަށް ރިޔާސީ ކެންޑިޑޭޓުން ސޮއިކޮށް ނިމިފައިވާ ކަމަށެވެ.

އަދި ރިޔާސީ ކެންޑިޑޭޓް އުމަރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުގައި ސޮއިކޮށްފައިވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން ‏މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ދަ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓުން ފިޔަވައި، އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ހުރިހާ ލިސްޓެއްގެ ސައްހަކަން ކަށަވަރުކޮށް، ސޮއިކޮށްފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

އުމަރު ނަސީރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުގައި ސޮއިކުރި. މޯލްޑިވްސް ނެޝަނަލް ޕާޓީ އާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ހުރިހާ ލިސްޓެއްގެ ސައްހަކަން ކަށަވަރުކޮށް ސޮއިކޮށްފައިވޭ
ހަބީބް

ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ސޮއިކުރުމަކީ ކޮންމެ އިންތިހާބެއްގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތަކަށް ވާއިރު މިގޮތަށް ނިންމާފައި ވަނީ 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަ ކުރައްވާއިރު އޭގެ ތެރޭގައި ފާޓީގެ ފަރާތުން ވާދަކުރައްވާ ފަސް ބޭފުޅުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ބޭފުޅުން ހިމެނެއެވެ.

ޕާޓީތަކުން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމު އިބްރާހީމާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫންގެ އިތުރުން ހަސަން ޒަމީލެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 280،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު އީސީ އިން ބުނީ މި އަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވާކަމަށެވެ. މި އަހަރު ބާއްވާ އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މި އިންތިހާބުގައި އޮފިޝަލުން ހިމެނޭހެން 6،772 މުވައްޒަފުން މަސައްކަތް ކުރާނެކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މި އަހަރު ބާއްވާ އިންތިހާބުގައި ރާއްޖެއިން ބޭރުގެ 7 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު 60 ރިސޯޓެއްގައި ވޮޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 30 ގައެވެ.