ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނެސް ގދ. ތިނަދޫ ސިޓީއަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ ސިޓީއަކަށް ބަދަލުކުރުމަށް 10،000 މީހުން ހަމަވާންޖެހޭ ކަމަށް ގާނޫނުގައި އޮތް ނަމަވެސް އެކަން އެހެން ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ ރަށެއްގައި ސިޓީއަކަށް ބޭނުންވާ އިންފްރަސްޓްރަކްޗާ، ހިދުމަތްތައް ގާއިމް ވެފައިވާނަމަ އެ ރަށުގެ އާބާދީގައި 8،000 މީހުން ހަމަވުމުން ސިޓީއަކަށް ބަދަލު ކުރެވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ސިޓީއަކަށް ވުމުގައި މުހިންމީ ހިދުމަތް ދެވޭނެ ގޮތް އޮތުމުގެ އިތުރުން ތަރައްގީގެ ރާސްތާގައި ކުރިއެރުން ހޯދިފައިވުމާއި އަދި ތަރައްގީގައި ކުރިއަށް ދިއުމުގެ ގާބިލުކަން އޮތުންކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ވެރިކަން ލިބިއްޖެނަމަ ގާނޫނު ތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ތިނަދޫ ސިޓީއަކަށް ވުމުން ގިނަ ދޮރުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ. އެގޮތުން މަސްވެރިކަން، ޓޫރިޒަމް އަދި އެހެނިހެން ދާއިރާތަކުން ވެސް ދޮރުތައް ހުޅުވިގެންދާނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެެވެ.
ތިނަދޫގައި ގާއިމްކުރަން ފަށާއިފައިވާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިންމުމުގެ އިތުރުން މަސްވެރިކަން އިތުރަށް ތަަރައްގީކޮށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ތިނަދޫއަށް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި ކަންކަމުގެ ތެރޭގައި ތިނަދޫ ކައިރީގައި އޮންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމާއި، ޓޫރިޒަމް ފުޅާ ކުރުމާއި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ގާއިމް ކުރުމާއި ކުޅިވަރު ކުޅޭ ވަސީލަތްތައް އިތުރުކޮށް، ތަރައްގީ ކޮށްދިނުމުގެ އިތުރުރް ސިޓީއެއްގައި ހުންނަ ފެންވަރަށް ސްކޫލް އަޕްގްރޭޑް ކޮށްދިނުން ހިމެނޭ ކަމަށް ވަނީ ވިދާޅުވެފައެވެ.