ބަދަލު ވި ޕާޓީ ދޫކޮށް، އަލުން އެނބުރި ކުރިން ހުރި ޕާޓީއަށް އައުމުން ޔަގީންވެގެން ދަނީ އިންތިހާބުގައި މޮޅުވާނެކަން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، އެއް ސިޔާސީ ޕާޓީން އަނެއް ޕާޓީ އަށް މެންބަރުން ބަދަލުވުމަކީ އާންމުކޮށް ވެސް ކަން ހިނގާ ގޮތް ކަމަށާއި މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދި ޑިމޮކްރެޓްސް ޕާޓީ އަށް އެމްޑީޕީން ވަކިވި މަޖިލީސް މެންބަރުންތަކެއް ސޮއިކުރެއްވި އިރު ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވެސް ހިމެނެއެވެ. ނަމަވެސް އެ 2 މެންބަރުން އަލުން އެމްޑީޕީ އަށް ސޮއިކުރައްވާފައި ވާއިރު އެ މައްސަލައިގައި މެންބަރުން "ގަންނަ" ކަމުގެ ތުހުމަތު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރައްވާފައެވެ.

އެވާހަކައަށް ރައްދުދެއްވަމުން މާރިޔާ ވިދާޅުވީ، އެ މެންބަރުންނަކީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބު ކުރި މެންބަރުން ކަމަށާއި އެ މެންބަރުން އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ އެފަދަ ތުހުމަތެއް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ސާފު އަޣުލަބިއްޔަތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާ ތަން ފެނިވަޑައިގަންނާތީ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އެ ބޭފުޅާގެ ވެރިކަމުގައި ވެސް ހިނގި. މެންބަރުން ޕާޓީ ދޫކޮށްފައި ދިއުމާއި އަލުން ޕާޓީ އަށް އައުމަކީ އެއީ އަބަދުވެސް ސިޔާސީ ހަގީގަތް، މޮޅުވާ ދިމާލަށް އެންމެން ވެސް އަންނާނެ، މޮޅުވާކަން ޔަގީންވީ އެއީ
މާރިޔާ

އެމްޑީޕީގެ މެނިފެސްޓޯގައިވާ ވައުދުތަކާއި ސިޔާސަތުތައް ތޮއްޑޫ ދާއިރާގައި ތަންފީޒު ކުރުމުގައި އޭނާގެ ބައިވެރިވުން އޮތުމަށް ބޭނުންވެވަޑައިގަންނަވާތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް އިދިކޮޅު ޕާޓީ ދޫކުރައްވާ މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގަތް ކަމަށާއި އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ ހޯއްދެވީ ވެސް އެގޮތަށް ކަމަށް ވެސް ވިދާޅުވެފައެވެ.