ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މިއަދު އެމްޓީސީސީ އިން ބުނީ ހޯރަފުށީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށާ މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާކަމަށެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، 32,821 އަކަ މީޓަރުގެ ދުއްވާ ސަރަހްއްދު ހެދުމާއި، 11,736 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 16,950 މީޓަރުގެ ކަބްސްޓޯން ޖެހުމާ، އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމާ އަދި މަގުމަތީ ސައިން ބޯޑު ހަރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން މަގުބައްތި ހަރުކުރުމާ، މަގުމަތީ ނިޝާން ހަރުކުރުމާ، 2,568 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ އިތުރުން ބަނދަރު މަގުގެ ވޭރިއޭޝަން މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫއަކީ 73.83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.