މިދިޔަ 4 އަހަރު ދުވަހު "އިންޑިއާ އައުޓް" ގޮވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަމުން ދިޔަ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ވެރިކަން ލިބޭނެ ކަމަށް ހީވުމުން ކުރިން ދެއްކި ވާހަކަތައް ހަނދާން ނައްތާލައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ތުހުމަތު ކުރައްވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އުޝާމް މިހެން ވިދާޅުވެފައި ވަނީ ޒަމާޏުއްސުރެ ރާއްޖެއިން ދަމަހައްޓަމުންގެންދާ "އިންޑިއާ ފަސްޓް" ޕޮލިސީ ދަމަހައްޓަވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން އިހްތިރާމާ އެކު ރާއްޖެއިން ދާން ޖެހޭނެ ކަމަށާއި، ނަމަވެސް މިނިވަންކަމަށް ބުރޫނާރާ ގޮތުގެ މަތިން ޒަމާނުއްސުރެ ރާއްޖެއިން ދަމަހައްޓަމުން އައި 'އިންޑިއާ ފަސްޓް' ޕޮލިސީ ދަމަހައްޓަވާނެ ކަމަށެވެ. "އަޅުގަނޑުމެންގެ އަމިއްލަ ކަންކަމުގެ ތެރެއަށް ވަދެ، މިނިވަންކަމަށް ބުރޫއަރާ ގޮތަށް ކަންކަން ކުުރުމުގެ ޕޮލިސީ ފިޔަވައި އަޅުގަނޑުމެންގެ ނެތް [އިންޑިއާއާ] ހިޔާލު ތަފާތުވާ ކަމެއް" ދައުރުގެ އިންޓަވިއުގައި މުއިއްޒު ވިދާޅުވެފައި ވެއެވެ.
އެކަމަށް ރައްދު ދެއްވާ އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވޭތުވެދިޔަ 4 އަހަރު ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ޕީޕީއެމް/ޕީއެންސީން މުޒާހަރާ ކުރަމުން ގޮވަމުން އައީ އިންޑިއާ އައުޓް. އެމުޒާހަރާތަކުގަ އެތައް އާންމު ރައްޔިތުންނަށް އަނިޔާވެސްވި. މިއަދު ވެރިކަން ލިބިދާނެހެން ހީވީމަ މިއޮތީ ކުރިން ދެއްކި ވާހަކަތައް ކެންސަލްވެފަ." އަދި މިކަހަލަ ދެފުތް ދެގޮތް ޕާޓީތަކަށް ރައްޔިތުން އިތުބާރު ކުރުން ހުއްޓާލަންޖެހޭ ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ފަރާތްތަކުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެމްޕެއިންއަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ވަޒަންވެރިވެގެން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅަށް ހިންގަމުން އަންނަ ކެމްޕެއިނެކެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ މި ކެމްޕެއިންގެ ތެރެއިން ދާދި ފަހުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ފޮޓޯ ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ މާސްކުތައް އަޅައިގެންވެސް އިދިކޮޅުން ސިޔާސީ ހަރަކާތް ވެސް ހިންގާފައެވެ.
އެ ހަރަކާތުގައި ހުދު ކުލައިގެ ފޮތި ގައިގައި އޮޅައި، ރައީސާއި މޯދީ ސިފަވާގޮތަށް ތައްޔާރު ކޮށްފައިވާ މާސްކުތައް އަޅައިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އަޑުގަދަކޮށް ލަވަޖަހަމުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ މުޒާހަރާ ކޮށްފައެވެ. މިހާރުވެސް ކޮންމެ ރެއަކުހެން އިންޑިއާ އައުޓް މުޒާހަރާތަށް އިދިކޮޅު ޕީޕީއެމްގެ ފަރާތްތަކުން ބާއްވަމުން ދެއެވެ.
އިދިކޮޅުން މި ސަރުކާރަށް ކުރަމުންގެންދާ ތުހުމަތު ތަކަށް ރައީސް ސޯލިހު ގެންދަވަނީ ތަކުރާރުކޮށް އިންކާރު ކުރައްވަމުންނެވެ.
އުސާމުގެ ކޮންފުށެއްތަ ދެގޮއި ނުވެގެން ތިއުޅެނީ ރައްޔިތުންނަށް ހުރިހާކަމެއް އެނގޭނެ މުނާފިގު ކަލޭގެ ސައިތޯނާއަށް ވެގެން. ވަސްވާސް ނުދިނަސް