އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސްގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައަމްދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ކެމްޕެއިނު ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުވަން ކަމަށާއި، އެހެންކަމުން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު، ވަގުތު ތަންދޭ ކަމަށްވާ ނަމަ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މާރިޔާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ގިނަ ސިޔާސީ ފަރާތްތަކެއްގެ އިތުރުން އާންމުންގެވެސް ފާޑުކިޔުން އަމާޒު ވެފައިވާ މި ދަނޑިވަޅުގައި ރިޔާސީ ބަހުސްގައި ރައީސް ބައިވެރި ވެވަޑައިގަންނަވާނެކަން މާރިޔާ އިއުލާން ކުރައްވާފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ "އެއީ އިލްމީ ބަހުސެއް ހިނގާނެ ތަނެއް، ޔުނިވާސިޓީތަކުގައި އިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ. އެކަމަކު މީޑިއާތަކަށް އަރައި އިސްތިހާރު ވުމަށް ޓަކައި ކުރާ ބަހުސް ތަކަކީ ރައީސް ގަބޫލު ކުރައްވާ ކަމެއް ނޫން" ކަމަށެވެ.
އަދި މީޑިއާތަކުން ކުރިއަށްގެންދާ ވަކިވަކި ބަހުސަށް ނާރާނެ ކަަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ. "އެއަށްވުރެ ރައީސަށް މުހިންމީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން" މާރިޔާ މިއަދުވެސް ވިދާޅުވިއެވެ.
ގައުމީ ޔުނިވާސިޓީ އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގުޅިގެން ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ 8 ކެންޑިޑޭޓުންނަށްވެސް ރިޔާސީ ބަހުސްގައި ބައިވެރި ވުމަށް ދައުވަތު ދެއްވާފައިވާއިރު ހުރިހާ ބޭފުޅުންވެސް ބަހުސްގައި ބައިވެރިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި ބަހުސްގައި ކެންޑިޑޭޓުންގެ ތަސައްވަރާއި ސިޔާސަތުތަކާއި ކުރިއަށް އޮތް ފަސް އަހަރާ މެދު ކެންޑިޑޭޓުންގެ އުންމީދުތައް ހުރި ނެތް ގޮތް ހާމަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.