އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސްގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި، އެހެން ހުރިހާ ބޭފުޅުންވެސް ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

ގައުމީ ޔުނިވާސިޓީ އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގުޅިގެން ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ 8 ކެންޑިޑޭޓުންނަށްވެސް ރިޔާސީ ބަހުސްގައި ބައިވެރި ވުމަށް ދައުވަތު ވަނީ ދީފައެވެ.

އެއާއެކު ބަހުސްގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން މިހާތަނަށް ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާ، ފާރިސް މައުމޫން، އުމަރު ނަސީރު، އަދި ހަސަން ޒަމީލުވެސް ހިމެނެއެވެ.

ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުމާމެދު ރަސްމީކޮށް މިހާތަނަށް ގޮތެއް ނިންމާފައި ނުވާއިރު އެކަމާ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން މީގެ ކުރިން ނޫސްވެރިން ސުވާލު ކުރުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގެ ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުވަން ކަމަށާއި، އެހެންކަމުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު، ވަގުތު ތަންދޭ ކަމަށްވާ ނަމަ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވަމުން ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނު، އިމްތިޔާޒު ފަހުމީ ވިދާޅުވީ ރިޔާސީ އިންތިހާބެއްގައި އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންނާ ބައްދަލުކުރުމުގެ އިތުރުން، ބަހުސްގެ ޒަރިއްޔާއިން، ރައްޔިތުންގެ ފަރާތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުން ކަމަށް ނަމަވެސް އެކަމަށް ރައީސް އުޒުރު ދައްކަވަމުން ގެންދާކަމީ ކަންބޮޑުވެވަޑަައިގަންނަވާ ކަމެއް ކަމަށެވެ.

އަންނަ ހުކުރު ދުވަހުގެރޭ 9 ޖަހާއިރު ބަހުސް ފެށުމަށް ހަމަޖެހިފައި ވާއިރު އެ ބަހުސްގައި ކެންޑިޑޭޓުންގެ ތަސައްވަރާއި ސިޔާސަތުތަކާއި ކުރިއަށް އޮތް ފަސް އަހަރާ މެދު ކެންޑިޑޭޓުންގެ އުންމީދުތައް ހުރި ނެތް ގޮތް ހާމަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރުގެ އިންތިހާބުގެ ބަހުސްގައިވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.